ފްލެޓް ކުއްޔާއި ޑައުންޕޭޓަށް ބަދަލެއް ގެނަނީ، އަންނަ ހަފްތާގައި ހުރިހާ ފްލެޓެއް ހަވާލުކުރާނެ

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ 4,000 ހައުސިން ޔުނިޓްގެ ޑައުންޕޭމަންޓާއި ކުއްޔަށް ބަދަލު ގެނައުމާއިމެދު ރަނގަޅު ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ގަލޮޅު ރައްޔިތު ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4,000 ފްލެޓް ނިންމާ މިހާރު ދަނީ ހަވާލު ކުރަމުންނެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ދައްކަން ޖެހެ އެވެ.
މިރޭ އޮތް ބައްދަލްވުމުގައި އެ ނިންމުމަށް ބަދަލު ގެނެސް ދިނުމަށާއި ކުލި ކުޑަކޮށްދޭން ބައެއް މީހުން އެދުނެވެ. ރައީސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް އެންމެ ރަނގަޅު ޙައްލެއް އަޅުގަނޑު ގެނެސްދޭނަން," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޑައުންޕޭމަންަޓް އުނިކުރުން ނުވަތަ ގެނެވޭނެ އެންމެ ރަނގަޅު ބަދަލެއްް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުއްޔާމެދު ވެސް ގޮތްތަކެއް ނިންްމަވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ފްލެޓްތައް މި އަންނަ ހަފްތާގައި ހަވާލުކޮށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރީން ފްްލެޓްތަކަށް ވަދެވޭވަރު ކޮށްދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
މިރޭގެ ބައްދަލްވުމުގައި ބައެއް މީހުން ވަނީ ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. އެ ވާހަކަތައް ދޮގުކޮށް ރައީސް ވިދާޅުވީ މި ސަރުކާރުން ލިސްޓަށް ބަދަލު ނުގެންނަ ކަމަށެވެ. އަދި 74 ޕޮއިންޓް ލިބުނު އެންމެ މީހަކަށްވެސް ފްލެޓް ނުދޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ