23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ނުކުމެ ރައީސް ޔާމީން ވަޒީފާއިން ވަކިކޮށްލުމަށް، ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
ގުޅިފައިވާ އިއްތިހާދުން ދ. ކުޑަހުވަދޫގައި މިހާރު ބާއްވަމުންގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ، ސަރުކާރު މުވައްޒަފުންނާއި، ސިވިލް ސާވަންޓުނާއި، ފުލުހުންނާއި، ސިފައިން ވަޒީފާއިން ވަކިކުރައްވާނެކަމުގެ ބިރު ދައްކަވަމުން ކަމަށާއި، އެހެންކަމުން، އެބިރު ނައްތާލުމަށް ރައްޔިތުން ނުކުމެ ޔާމީން ވަޒީފާއިން ވަކިކުރަންޖެހޭ ކަމަށެވެ.
ރައީސް ޔާމީނަކީ ރައްޔިތުން ވޯޓްލައިގެން ވަޒީފާދީފައިހުރި ބޭފުޅެއް ކަމަށާއި، އެހެންކަމުން 23 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބަކީ، ރައީސް ޔާމީން ވަޒީފާއިން ވަކިކުރަން ރައްޔިތުންނަށް ލިބިފައިވާ ފުރުސަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
ހުރިހާ ބާރަކީ ރައްޔިތުންގެބާރު ކަމަށާއި، އެބާރު ނަގަހައްޓައި ދަމަހައްޓަންވާނެ ކަމަށާއި، ރައްޔިތުން ނުކުމެ ޔާމީން ވަޒީފާއިން ވަކިކޮށްލުމުން ރައްޔިތުންނަށް ބިރުދައްކަން ޔާމީނެއް ނުހުންނާނެ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރައީސް ޔާމީނަކީ މިއަދު ރާއްޖޭގައި އެއްވެސް ތާއީދެއްއޮތް ބޭފުޅެއް ނޫން ކަމަށާއި، ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވީ ކީއްވެގެން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް ޔާމީން ރިޔާސީ އިންތިޚާބުގެ ރޭހުން ނަން އަނބުރާ ގެންދެވުމަށްވެސް އާޒިމް ގޮވާލެއްވިއެވެ.
"އެއީ، އެއްވެސް ހިތްވަރުގަދަ ބޭފުޅެއްނޫން. ޕޯޑިއަމެއް ލިބުނީމާ ރައްޔިތުންނާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ބޭފުޅެއް. އެއީ ރައްޔިތުންގެ އެއްވެސް އިހްތިރާމެއްއޮތް ބޭފުޅެއްނޫން. ރައީސްކަމަށް ކުރިމަތިލެއްވީ ކީއްވެބާވައޭ ހިތަށްއަރާ. މިރޭހުން ޖެހޭނީ ވަކިވާން. ކޮން ތާއީދެއްއޮތް ބޭފުޅެއްތޯ އެއީ؟ އެބޭފުޅާގެ މޮޅުކަން ބަލާކަށް ރައްޔިތުން ބޭނުނެއްނޫން. ތާއީދުއޮތީ އިބޫއަށް. ރައީސް ޔާމީން ރޭހުން ވަކިވެވަޑައިގަންނަވަން ގޮވާލަން" އާދަމް އާޒިމް ވިދާޅުވިއެވެ.
23 ސެޕްޓެމްބަރުގައި ރައްޔިތުން ނުކުމެ ޔާމީން ވަޒީފާއިން ވަކިކުރުމަށް އާޒިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ