ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ކިޔުނު އެއްޗެއްސަށް މައާފަށް އެދިވަޑައިގެންނެވުމުން ރައީސް މައުމޫން މައާފު ކުރައްވައިފިއެވެ.
"ސަން އޮންލައިން"ގެ ފަންސާސް މިނިޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އެމްޑީޕީއަށް ބަދަލުވެވަޑައިގެން، ރައީސް މައުމޫނަށް ނިސްބަތް ކުރައްވައި ކިޔުނު އެއްޗެއްސާ މެދު ދެރަވެވަޑައިގަންނަވާ ކަމަށާއި އެކަމަށް މައާފަށް އެދިވަޑަިގެންނެވި ކަމަށެވެ.
ރައީސް މައުމޫނުގެ ކިބައިން އަލީ ވަހީދު މައާފަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިތާ މާގިނައިރެއް ނުވެ ރައީސް މައުމޫނު ވިދާޅުވެފައިވަނީ އަލީ ވަހީދަށް މައާފު ކުރައްވައިފިން ކަމަށެވެ.
އަލީ ވަހީދަށް ނިސްބަތް ކުރައްވައި ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޮނަރަބަލް އަލީ ވަހީދަށް ޝުކުރު ދަންނަވާ ކަމަށާއި އަލީ ވަހީދަށް މައާފު ކޮށްފިން ކަމަށެވެ.
ސަންގެ "ފަންސާސް މިނިޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އޭރު ރައީސް މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ފަހުން ދެރަވެ ހިތާމަ ކުރެވުނު ކަމަށެވެ. އަދި އެކަމަށް މައުމޫނުގެ އަރިހުން މައާފަށް އެދިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސީ ތަޖުރިބާގައި ފަހުން އިސްލާހު ކުރަން ބޭނުންވިކަންކަން އެބަހުރި މިސާލަކަށް ރައީސް މައުމޫނަށް އަަޅުގަނޑުމެން، އޭރު ދެން ޒުވާން އިރު އެ އެއްޗެހި އެހާބޮޑަކަށް ނުވިސްނޭ. އެ ކްލޭޝްވެ ދެރައެއް ލިބޭކަށް އަސްލު ބޭނުންމެއް ނުވޭ. ޕޯޑިއަމްތަކުގައި އެގޮތަށް ދެވުނީމަ އެ ރިގްރެޓް ކުރަން. އަދި ފަހުން އަޅުގަނޑު މައާފަށްވެސް އެދުނިން ވަޒީރަކަށް ވުމަށްފަހު ބައްދަލު ކޮށްފަ، އެ ބޭނުމެއްނުވޭ އެއްވެސް ކްލޭޝައެއް ބާއްވާކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާލުވީ ސިޔާސީ ކަންކަމުގައި ޒާތީ ލެވެލްއަށް ދާންޖެހޭ ކަމެއް ނޫން ކަމަށާއި ކޮންމެ ސިޔާސީ ލީޑަރަކީ އެ ލީޑަރެއްގެ ހުންނަ ވިސްނުންފުޅާއެކު ގައުމަށާއި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
މިހާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ސިޔާސީ މައިދާނަށް ނުކުންނެވީ، ކުރީގެ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ޑީއާރުޕީންނެވެ.
ޑީއާރުޕީގައި ހުންނަވައި، ރައީސް މައުމޫނަށް ސަނާ ކިއުއްވައި ރައީސް މައުމޫނު ސިޔާސީ ގޮތުން ދިފާއު ކުރެއްވުމަށްޓަކައި އަލީ ވަހީދު އޭރު ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުންނާއި، އެކި ޕޯޑިއަމްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ޑީއާރުޕީގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، އަލީ ވަހީދު ދެން ގުޅިވަޑައިގެންނެވީ އޭރު ރައީސް މައުމޫނާ އެންމެ ދެކޮޅު އެމްޑީޕީއާއެވެ.
އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު، ރައީސް މައުމޫނަށް ބަހުގެ ހަމަލާތައް ދެއްވައި އެމަނިކުފާނަށް ނިސްބަތް ކުރައްވައި އަލީ ވަހީދު ވަނީ ވަރަށް ގިނަ އެއްޗެހި ކިއުއްވައިފައެވެ.
އަލީ ވަހީދަށް ރައީސް މައުމޫން މައާފު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ