23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ނުކުމެ ރައީސް ޔާމީން ވަޒީފާއިން ވަކިކޮށްލުމަށް، ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
ގުޅިފައިވާ އިއްތިހާދުން ދ. ކުޑަހުވަދޫގައި މިހާރު ބާއްވަމުންގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ، ސަރުކާރު މުވައްޒަފުންނާއި، ސިވިލް ސާވަންޓުނާއި، ފުލުހުންނާއި، ސިފައިން ވަޒީފާއިން ވަކިކުރައްވާނެކަމުގެ ބިރު ޔާމީން ދައްކަވަމުން ގެންދަވާ ކަމަށާއި، އެހެންކަމުން، އެބިރު ނައްތާލުމަށް ރައްޔިތުން ނުކުމެ ޔާމީން ވަޒީފާއިން ވަކިކުރަންޖެހޭ ކަމަށެވެ.
ރައީސް ޔާމީނަކީ ރައްޔިތުން ވޯޓްލައިގެން ވަޒީފާދީފައިހުރި ބޭފުޅެއް ކަމަށާއި، އެހެންކަމުން 23 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބަކީ، ރައީސް ޔާމީން ވަޒީފާއިން ވަކިކުރަން ރައްޔިތުންނަށް ލިބިފައިވާ ފުރުސަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
ހުރިހާ ބާރަކީ ރައްޔިތުންގެބާރު ކަމަށާއި، އެބާރު ނަގަހައްޓައި ދަމަހައްޓަންވާނެ ކަމަށާއި، ރައްޔިތުން ނުކުމެ ޔާމީން ވަޒީފާއިން ވަކިކޮށްލުމުން ރައްޔިތުންނަށް ބިރުދައްކަން ޔާމީނެއް ނުހުންނާނެ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރައީސް ޔާމީނަކީ މިއަދު ރާއްޖޭގައި އެއްވެސް ތާއީދެއްއޮތް ބޭފުޅެއް ނޫން ކަމަށާއި، ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވީ ކީއްވެގެން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް ޔާމީން ރިޔާސީ އިންތިޚާބުގެ ރޭހުން ނަން އަނބުރާ ގެންދެވުމަށްވެސް އާޒިމް ގޮވާލެއްވިއެވެ.
"އެއީ، އެއްވެސް ހިތްވަރުގަދަ ބޭފުޅެއްނޫން. ޕޯޑިއަމެއް ލިބުނީމާ ރައްޔިތުންނާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ބޭފުޅެއް. އެއީ ރައްޔިތުންގެ އެއްވެސް އިހްތިރާމެއްއޮތް ބޭފުޅެއްނޫން. ރައީސްކަމަށް ކުރިމަތިލެއްވީ ކީއްވެބާވައޭ ހިތަށްއަރާ. މިރޭހުން ޖެހޭނީ ވަކިވާން. ކޮން ތާއީދެއްއޮތް ބޭފުޅެއްތޯ އެއީ؟ އެބޭފުޅާގެ މޮޅުކަން ބަލާކަށް ރައްޔިތުން ބޭނުނެއްނޫން. ތާއީދުއޮތީ އިބޫއަށް. ރައީސް ޔާމީން ރޭހުން ވަކިވެވަޑައިގަންނަވަން ގޮވާލަން" އާދަމް އާޒިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އާދަމް އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ، މިގައުމުގައި ކަން ހިނގާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށާއި، ރައްޔިތުން މިއަދު ތިބީ އިޚްލާސްތެރި ވެރިޔަކު ހޮވަން ތައްޔާރަށް ކަމަށެވެ.
ވޯޓުފޮށި ވަގަށް ނަގައިގެންދާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށާއި، ފުލުހުންނާއި، ސިފައިންނާއި އިލެކްޝަން ކޮމިޝަނުންވެސް ވޯޓް އޮޅުވާލަން ފުރުސަތު ނުދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ވޯޓުން ވައްކަން ކުރަން ފުރުސަތު ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވަމުން އާޒިމްވަނީ، ވޯޓުފޮށި ލޯމަތިން ދިޔަނުދިނުމަށާއި، ވޯޓްލާފަ ލީވޯޓުގެ ނަތީޖާ ހޯދާފަ ނޫނީ ގެއަށް ނުވަނުމަށް ގޮވާލައްވާފައެވެ.
23 ސެޕްޓެމްބަރުގައި ރާއްޖޭގެ ރައްޔިތުން މިނުކުންނަނީ، ރާއްޖޭގައި އަނިޔާވެރިކަމާއި ނާއިންސާފު އާންމުވެފައިވާތީ ކަމަށާއި، ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީސް މިއަދުއޮތީ ހިސާރުކޮށްފައި ކަމަށާއި، ސްޕްރީމް ކޯޓުގެ ފުރާޅު ނަގައިގެން ފަނޑިޔާރުން ދަމާފައި ގެންގޮސްފައިވާ ކަމަށާއި، ރައްޔިތުން ވޯޓްލަނީ ވައްކަމާއި ކޮރަޕްޝަން ނައްތާލައި ހައްގު ހޯދަން ކަމަށްވެސް ވިދާޅުވިއެވެ.
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން އަސާސީ ޚިދުމަތްތައް ހޯދަން އާދޭސްކުރަން ފޮށިތަންމަތި ބަނދެގެން ތަންތަނަށްދާން ނުޖެހޭނެ ކަމަށާއި، ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި، އިބޫއަކީ ގާނޫނުއަސާސީ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ބޭފުޅެއް ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.
23 ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓްލައި ޔާމީން ވަޒީފާއިން ވަކިކޮށްލާ، އޭރަށް ބިރުދައްކާކަށް ނުހުރެވޭނެ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ