އަމިއްލަ ޤައުމަށް ޑިމްކްރެސީ އަނބުރާ ގެނައުން މާރަގަޅުވާނެ – އިންޑިޔާ ރައްޔިތުން

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާތީ، އެކަމާއި ގުޅިގެން އެޤައުމުގެ ގިނަ ބަޔަކު އިންޑިއާ ސަރުކާރަށް ފާޑު ކިޔަން ފަށައިފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން، ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ކުއްލި ޙާލަތު އިތުރުކުރުމާއި ގުޅިގެން، ވަކި ގޮތަކަށް އަމަލުކުރުމަށް ރާއްޖެއަށް އަންގާ ބަޔާނެއް ނެރެފައިވާއިރު، އިންޑިއާގެ މީޑިއާތަކުން މިބަޔާނާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ރިޕޯޓްތަކަށް އެޤައުމުގެ މީހުން ކޮށްފައިވާ ކޮމެންޓްތަކުގައި އެޤައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.
ކޮށްފައިހުރި ކޮމެންޓް ތަކަށް ބަލާއިރު، އިންޑިއާ ސަރުކާރުން އެޤައުމުގައި ހުރި މައްސަލަތަކަށް ސަމާލުކަން ދިނުން މުހިއްމުކަމަށް ބުނެފައިވާއިރު، އެހެން ބައެއް ކޮމެންޓަތަކުގައި ބުނެފައިވަނީ އެހެން ޤައުމުތަކުގެ ދާޚިލީކަންކަމާ ބެހުމަށްވުރެ އަމިއްލަ ޤައުމަށް ޑިމޮކްރެސީ އަނބުރާ ގެނައުމަށް މަސައްކަތް ކުރުން މާ ރަގަޅުވާނެކަމަށެވެ.
އިންޑިއާގެ ބަޔާނަށް ކޮށްފައިހުރި އިތުރު ކޮމެންޓްތަކަށް ބަލާއިރު، އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ ބޮޑު ޤައުމަކުން އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އިންޑިއާއިން ރުހޭނެތޯ ބައެއް މީހުން ސުވާލުކޮށްފައިވާއިރު އަނެއް ބައި މީހުން ބުނެފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަންނަނީ އެޤައުމުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުންކަމަށް ބުނެފައިވެއެވެ.
މިގެ އިތުރުން އިންޑިޔާގައި ހިނގާފައިހުރި ކޮރަޕްޝަންގެ ތެރެއިން، އިންޑިއާގެ އެންމެ ބޮޑު އެއް ބޭންކުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ ބަޔަކު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުޤީޤްކުރުން އަވަސްކުރުމަށް ބައެއް ފަރާތްތަކުން ގޮވާލިއެވެ. އަދި އިންޑިއާގެ މުސްލިމުންނަށް ހައްދު ފަހަނަ އަޅާފައިވާ ހިންދޫއިންގެ ސަރުކާރުން ޖެއްސުން ކުރުމަށްފަހު، މިހާރު ކައިރި ޤައުމުތަކަށްވެސް އެމީހުން ޖެއްސުންކުރަން ފެށީތޯވެސް ބައެއް މީހުން ސުވާލުކުރިއެވެ.
އިންޑިއާ ސަރުކާރަށް ފާޑުކިޔަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިންޑިއާގައި މިހާރު ވެރިކަން ކުރާ ޕާޓީން އެޤައުމުގައި އޮތް ޑިމޮކްރަސީ ހަލާކުކޮށްލައިފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާގައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިޔާދަކުރަންޖެހޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން އެޤައުމުގެ ޖުޑީޝަރީ އާއި ޤާނޫނުހަދާ މަޖިލީހުގައި ހުރި މައްސަލަތައްވެސް ޙައްލުކުރުމަށް އިންޑިއާ ސަރުކާރަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ބައެއް ޤައުމުތަކުން ދަނީ ގޮތް ކިޔާ، ފާޑު ކިޔަމުންނެވެ. ނަމަވެސް ޗައިނާ އަދި ސަޢުދީ ޢަރަބިއާ، އަދި އެހެން ބައެއް ބޮޑެތި ޤައުމުތަކާއި ޖަމްޢިއްޔާތަކުން ވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުމަށް ގޮވާލާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖެހިގެން އުޅޭ މައްސަލަ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރުމަށް އދއިން ގޮވާލާފައިވާއިރު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ހުރިހާ ޕާޓީތަކަކަށް ދަޢުވަތުދެއްވާފައެވެ. ނަމަވެސް އެމަޝްވަރާތައް ނުފެށިގެން އުޅެނީ އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބާރުލުން ނުދޭތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ