މާފަންނުގައި ދިރިއުޅޭ ރައްޔިތުން އިބޫއާއި ފައިސަލަށް މަރުހަބާ ދަންނަވައިފި

އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުގެ އުފަލުގައި މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މާފަންނު ހުޅަނގުގައި މިރޭ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މާފަންނު ހުޅަނގު ދާއިރާއިން އިއްތިހާދަށް ތާއީދުކުރާ ރައްޔިތުން އިސްވެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާފަންނު ކުއްޅަވަށް ގޯޅީގައި ޚާއްސަ ކެއުމަކާއި އެކު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި މާފަންނުގައި ދިރިއުޅޭ ގިނަ ރައްޔިތުން ބައިވެރިވެ، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް މަރުހަބާ ދަންނަވާފައިވެއެވެ.
މި ހަރަކާތުގެ އިތުރަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނާއިބުރައީސް ފައިސަލް ނަސީމަށް މަރުހަބާ ކިޔައި ގައުމަށް މިއައި ބޮޑު ބަދަލުގެ އުފާފާޅުކުރުމަށްޓަކައި އިއްތިހާދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އެކި ހަރަކާތްތަައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އިންތިޚާބު ކުރިޔަށް ދިޔަ ދުވަސް ކަމަށްވާ 23 ސެޕްޓެމްބަރުވީ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައިވެސް އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ބޮޑު އެއްވުމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިއްތިހާދުގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ