ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާ ދީފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީގެ ހާލަތު ދެނެގަތުމަށް ދިރާސާއެއްކޮށް އޭގެ މައްޗަށް ރިޕޯޓެއް އެކުލަވާލައިފަ އެވެ.
އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީއަކީ އެ ކުންފުނީގެ މައިގަނޑު ޕްރޮގްރާމުތައް ހިންގައި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާން ޖެހޭ ކުންފުންޏަކަށް ވާތީ، އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާކޮށް ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް އިތުރު ގޮތްތައް ހޯދުމަށް އެ ކުންފުންޏަށް އެންގުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމެޓީގެ އެ ރިޕޯޓު ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.
ތަފްސީލް - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތު އަދާކުރަން ދަތިވާ މިންވަރަށް ކުންފުނީގެ މާލީ ހާލަތު ވަނީ ގޯސް ވެފަ އެވެ.
އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް އެއްވެސް ފައިދާއެެއް ވެފައި ނެތް އިރު، ކުންފުނިން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ފައިސާއެއް ވެސް ނެތެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާ އެމްއެމްޕީއާރުސީގެ މިދިޔަ ހަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި:
2019ގައި 132.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 22.3 މިލިއަން ރުފިޔާ؛ މިއީ 2019އާ އަޅާބަލާއިރު %83ގެ ދަށްވުމެއް
ނަމަވެސް ޑައިރެކްޓް ކޮސްޓާއި ހަރަދުތައް 2019އަށް ވުރެ މިދިޔަ އަހަރު ބޮޑު
2019ގައި އެމްއެމްޕީއާރުސީއަށް 23.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު؛ ނަމަވެސް އެ ކުންފުނިން މިދިޔަ އަހަރު ނިންމާލީ 27.7 މިލިއަން ރުފިޔާ ގެއްލުމުގައި
މަޖިލީހުގެ ރިޕޯޓު އާންމު ކުރުމުން އެމްއެމްޕީއާރުސީން ވަނީ އެ ހިސާބުތަކާ ގުޅޭ ތަފްސީލު އާންމުކޮށް ނޫސްބަޔާނެއް މިދިޔަ ހަފްތާގައި ނެރެފަ އެވެ. އެ ކުންފުނިން ބުނާގޮތުން ކުންފުނީގެ ބޮޑު ދަރަންޏަކީ ކުރީ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭ ޖަމާވެފައިވާ ދަރަންޏެވެ.
ކުރީ ސަރުކާރުގެ ފަހު4 އަހަރު އެމްއެމްޕީއާރުސީ އަށް ލިބުނު ގެއްލުމުގެ ނަންބަރުތައް ވެސް އެ ބަޔާނުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން
2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުން
2021 ވަނަ އަހަރު 141 މިލިއަން ރުފިޔާގެ ގެއްލުން
2022 ވަނަ އަހަރު 42 މިލިއަން ރުފިޔާގެ ގެއްލުން
2023 ވަނަ އަހަރު 17.9 މިލިއަން ރުފިޔާގެ ގެއްލުން
"މިއީ މި ކޯޕަރޭޝަން މާލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ މުހިންމު އެއް ސަބަބެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މަޖިލީހުގެ ރިޕޯޓުގައި އޮތީ މިދިޔަ 6 އަހަރުގެ މާލީ ހިސާބުތަކުގެ ވާހަކަތައް ކަމަށެވެ. ފާއިތުވި އަހަރުގެ ތެރޭ ކުންފުނި ހިންގުން އިސްލާހުކޮށް، ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.
އެގޮތުން:
ހަރަދުތަކުގެ %10 ކުޑަކުރެވިފައިވޭ
ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނާޝިޕްތަކުގެ ރިވިއުއެއް ހަދައި ޕީއާރު އެޖެންސީތަކުގެ އަދަދު 21 އިން 6އަށް މަދުކޮށްފައިވޭ
މީގެ ސަބަބުން 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިއްޖެ
މަޖިލީހުން ލަފާ ދިނީ އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ