ހޯކްސް މައްސަލަ: 241 ކޮމިޓީގެ ތުހުމަތުތަކެއް ސީޕީ ނަވީން އާއި މުއައްސަސަތާކަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ހޯކްސް ކުންފުނީގެ ބޯޓަކުން މިދިޔަ އަހަރު ފަހުކޮޅު ގިނަ އަދަދެއްގެ ސިނގިރޭޓް ވަގަށް އެތެރެ ކުރި މައްސަލައާ ގުޅުވައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން އާއި ދައުލަތުގެ ބައެއް އިދާރާތަކަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ތުހުމަތުތަކެއްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޯކްސް ބޯޓުން 84،000އަށްވުރެ ގިނަ ސިނގިރޭޓް ފޮށި ވަގަށް އެތެރެ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. މި މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރާތީ އެކަން މަޖިލީހުގެ 241 ކޮމިޓީން އޭރުން ފެށިގެން ދަނީ ބަލަމުންނެވެ. 
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި މި މައްސަލައިގައި ހޯދި ހޯދުންތަކެއް މައްޗަށް މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން މެންބަރުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ.
ތަފްސީލު - އެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަވީންއަށް އެންމެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ތުހުމަތުތަކެއް އަމާޒު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މުސާ އެވެ.
"މި މައްސަލަ ބަލަމުން ދިޔައިރު ނަވީން ހޯކްސްގެ [ވެރިންގެ] ގެއަށް ވަތް ފޮޓޯ، ވީޑީއޯ އެބަހުރި. މިއީ މިކަން ހިނގައިގެން ވާނެ ގޮތެއް ނޫން،" ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ފާހަގަ ކުރެއްވި ގޮތުގައި ނަވީންގެ އެ އަމަލުތަކަކީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އަމަލުކޮށްގެންވާނެ ގޮތަށް ނޫނެވެ.
"މައްސަލަތައް ނުހިނގައިގެން މި އުޅެނީ [ވެސް] ފައިސާ އާއި ކޮރަޕްޝަން މީގެ ތެރެއަށް ވަދެފައި އޮތް ވަރުން. ޕްރޮސެކިއުޓާ ޖެނެރަލް ވެސް ކީއްވެގެންތޯ މި ވަރަށް ހެއްކާ ގަރީނާ ހުރީމަ މައްސަލަތައް ނުބަލަންވީ؟ ނުބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް." ގަފޫރު އިތުރަށް ވިދާޅުވި އެވެ.
އޭގެ އިތުރުން:
ތިލަފުއްޓަކީ ނުބޭލޭ ވަރުގެ ބަރު މުދާ ބާލަން ހުއްދަ ދީފައި އޮންނަ ތަނެއް ނޫން ކަމަށާއި އެހެން ނަމަވެސް ތިލަފުއްޓަށް ޖެނެރަލް ކާގޯ ބޭލުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ހޯކްސްއަށް ދީފައި އެބަ އޮތް ކަމަށް ގަފޫރު ވިދާޅުވި
އެމަގުން ކަންކަން ދާނަމަ، "އެމްޕީއެލް ބޭނުމެއް ނެތް، ހުރިހާ މުދަލެއް ތިލަފުއްޓާ ބޭލީމަ ނިމުނީ ނޫންތޯ" އޭނާ ސުވާލުކުރެއްވި
ގަފޫރުގެ އެ ވާހަކަތައް ޓްރާންސްޕޯޓް މިނިސްޓްރީން ދޮގު ކުރޭ
ނަވީން، ހޯކްސްގެ ވެރިންނާ ބައްދަލު ކުރެއްވި ކަމަށް ގަފޫރު ވިދާޅުވުވުމުން އެ ކޮމިޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ގަފޫރުގެ ވާހަކައިގެ ކުރިން، ކޮމިޓީ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މި މައްސަލައިގެ ތެރެއިން ފާހަގަވި ބައެއް ކަންކަމާއި ރިޕޯޓުގައި ހުރި ބައެއް ކަންކަން ކޮމިޓީގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ:
ހޯކްސްއިން ގަވައިދާ ހިލާފަށް ރާއްޖެއަށް މުދާ އެތެރެކުރާ ކަމުގެ އަޑުތައް އިވޭތާ ދެ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ކަސްޓަމްސްގެ ބޭފުޅުން ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފައިވޭ
ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުން ކޮންމެ އެއްޗެއް ވެސް ރާއްޖޭގެ ކޮންމެ ދިމާލަކަށް ސިއްރުން އެތެރެކުރުމުގެ އިހުތިޔާރު އޮތް ކަމަށާއި، "ހަތިޔާރު އެތެރެ ކުރުމުގެ ނިޔަތް އޮވެއްޖެނަމަ އެކަން ވެސް އޮތީ ކުރެވޭ ގޮތަށް ކަމަށް" ކަސްޓަމްސްގެ އޮފިސަރަކު ބައްދަލުވުމުގައި ވިދާޅުވެފައިވޭ
ހޯކްސްގެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، އޭގެ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލި، އޭގެ 24 ގަޑިއިރުފަހުން ފެނުނީ ސިނގިރޭޓް ކާޓޫންތައް ސުމަގުލް ކުރަނިކޮށް ކަމަށް ކަސްޓަމްސްގެ ބޭފުޅުން ވިދާޅުވި
ގާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ވާޖިބުތައް އަދާ ކުރުމުގެ ގާބިލުކަން އެ އިދާރާގައި ނެތްކަން ދޭހަވާ މޭރުކަމުން އެބޭފުޅުން ވާހަކަ ދައްކާފައިވޭ؛ އެބޭފުޅުންނަށް އެރޭ ހޯކްސް ބޯޓު ކަރިއަށްދާން ފުރަތަމަ ލޯންޗެއް ވެސް ނުލިބުނު ކަމަށް ވިދާޅުވި
އެންމެ ފަހުން ލޯންޗެއް ނުލިބިގެން އެ ބޯޓް ކަރިއަށް ކަސްޓަމްސްއިން ގޮސްފައި ވަނީ ސަލާމަތީ ސެޓިފިކެޓް ހަދާފައި ނުވާ ޖަޕާން ސަރުކާރުން ކަސްޓަމްސްއަށް ހަދިޔާކޮށްފައިވާ ލޯންޗެއްގައި؛ އެ ލޯންޗު ހަދިޔާ ކުރިތާ ވެސް ހަތަރު މަސްވެފައިވޭ
ހޯކްސްއާ ސުވާލުކުރުމުން ބުނެފައި ވަނީ، އެއީ އެ ކުންފުނިން ކުރި ކަމެއް ނޫން ކަމަށާއި މިކަން އެ ކުންފުނީގެ "ފަޅުވެރިންގެ ބޮލަށް ވަނީ ކަނޑާލާފައި"
ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި މިކަމުގައި ސްމަގްލިން ދައުވާ ހޯކްސްގެ މައްޗަށް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ކަސްޓަމްސްގެ ފަރާތުން ފޮނުވާފައި އޮންނަތާ ވެސް މިހާރު ދެ މަސް ވެފައިވެ އެވެ. ނަމަވެސް ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު، އަދި ދައުވާ ކުރިކަން އެނގިފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ދެން އަނެއްކަމަކީ، މަނީލޯންޑަރިންގެ ބައި ތަހުގީގު ކުރަން ފުލުހުންނަށް އަންގާފައި އޮތީ. ފުލުހުންގެ ތަހުގީގު ކުރިއަކަށް ނުދޭ،" ހޯކްސް މައްސަލަ ނޫނަސް އެހެން ބައެއް ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުތައް ވެސް ކުރިއަށް ނުދާކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވި އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު(ޕީޖީ)ގެ ދެ ނައިބު ލީޑަރުން ކަމުގައިވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ މިކަމުގައި މުއައްސާތަކުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކޮމިޓީގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ހޯކްސް އާއި މުއައްސާތަކުގެ އިހުމާލުވެފައިވާ ވެރިންގެ މައްސަލަތައް އަވަސް ކުރަން އެ ދެ ބޭފުޅުން ބާރު އެޅުއްވި އެވެ.
"މިކަން ކުރިއަށް ނުދަނީ ކީއްވެގެންތޯ ބަލަން އެބަ ޖެހޭ. މިމައްސަލަތައް ބެލުމަށް ހަދާފައި ހުރި އިދާރާތަކުގެ ވެރިން، މިކަން ނުބަލައި ދެން ކޮން ކަމެއްތޯ ކުރަންވީ؟ ހޭލާ ތިބެގެން ވެސް 24 ގަޑިއިރު ވެސް މިއީ ނިންމޭނެ ކަންކަން. ދެން ކޮންމެ ފަހަރަކު އެބަ ބުނޭ ކޯޓުގެ ތެރޭ ޖާގަައެއް، ބަޖެޓެއް ނެތޭ، ލޯންޗެއް ނެތޭ، ހެލިކަޕްޓަރެއް ނެތޭ، އެއާޕޯޓެއް ނެތޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ގޮވާލެއްވީ، އިހުމާލުވެފައިވާ ވެރިންނަށް ފިޔަވަޅު އެޅުމަށެވެ.
"މިއީ ހަމަ ގަސްތުގައި[ހުއްޓުވާފައި އޮތް މައްސަލައެއް]، އެންމެން މިތިބީ ގުޅިގެން، މި އެންމެންނާ ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް މިއީ. މި އެންމެން ހޯދައި ބަލައި، މިކަންކަމާ ގުޅުންހުރި އެންމެން ޖެހޭ މިތަންތަނުން ބޭރުކުރަން، ދުރުކުރަން." ޝާހިދު ވިދާޅުވި އެވެ. 
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ހޯކްސްގެ އަމަލުތައް ހުރީ "ދައުލަތައްވުރެ ވެސް މަތީގައި" ކަމަށެވެ. ގާނޫނުތަކުގެ ތެރެއިން ކަންކަން ކުރަން އެ ކުންފުންޏަށް ދަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޯކްސް މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި، މިހާރުން މިހާރަށް ސަސްޕެންޑް ކުރަން އަޅުގަނޑު ހުށަހަޅަން. މިކަން ހުއްޓުވެން ޖެހޭނެ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އެ ރިޕޯޓުގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާއި މުސްތަގުބަލުގައި ޝަރީއަތަށް ގޮސްދާނެ ބައެއް މީހުންގެ ތަފްސީލުތައް ހިމެނޭތީ ރިޕޯޓް އެއްކޮށް ހާމަ ކުުރުމާ މެދު ބައެއް މެންބަރުންގެ ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ނަމަވެސް ބައެއް މެންބަރުން މުޅި ރިޕޯޓު އާންމު ކުރަން ވެސް ވަކާލާތު ކުރެއްވި އެވެ.
ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ ކޮމިޓީ ބައްދަލުވުން ނިމުނީ، ވަކި ގޮތެއް ނުނިންމަ އެވެ. ކޮމިޓީ ނިންމާލައްވަމުން ރިސާތުގައި އިންނެވި ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ދެން އަންނަ ބައްދަލުވުމެއްގައި ރިޕޯޓް ފައިނަލްކޮށް ގޮތެއް ނިންމުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކޮމިޓީގައި ނަވީންއަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ