ފަލަސްތީނަށް އިންސާފު ހޯދަން ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅުއަޅަން ރާއްޖޭން ގޮވާލައިފި

ފަލަސްތީނު ރައްޔިތުން ކުރިމަތިލާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިތުރަށް މަސައްކަތް ކުރުމަށް ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސެލަމްގައި ރާއްޖޭން ގޮވާލައިފިއެވެ. ސެންގާލްގެ ވެރިރަށް ޑާކާގައި ބޭއްވި އެ ކޮންފަރެންސްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ރާއްޖެ ތަމްސީލުކޮށް ތަޤުރީރު ކުރެއްވިއެވެ. މި ބައްދަލުވުމުގެ ޝިއާރަކީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ. ރާއްޖެ ތަމްސީލުކުރެއްވި މެންބަރުން: ފަލަސްތީނުން ކުރިމަތިވާ އަނިޔާތައް ހުއްޓުވަން ފިޔަވަޅުތައް އަޅަން ރާއްޖޭން ގޮވާލައިފި ---- ފޮޓޯ/ ފޮރިން މިނިސްޓްރީ ސަފީރުގެ ވާހަކައިގައި ވަނީ، އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކާއި ފަލަސްތީނަށް މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިސްރާއިލުގެ އިސްތިއުމާރީ ސިޔާސަތުތަކަކީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ނެރެ، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލައި އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރަށް، މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޭނާ ވަނީ، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، އެކަމަށް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތަކަމަށް ވިދާޅުވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމައިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވައިލެއްވިއެވެ. އދ.ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީއައިއާރްޕީޕީ) އުފައްދާފައިވަނީ 1975ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376އިންނެވެ. މި ކޮމިޓީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ލިބިދިނުމަށްޓަކައި ތަންފީޒު ކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. ދިވެހިރާއްޖެއަކީ 1976ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ