ހދ. އަތޮޅުގައި ނުވެ އޮތް ކަމަކީ ޓޫރިޒަމް، އެ ލޭބަލް ކަނޑުވާލައި މި އަތޮޅުގައި ޓޫރިޒަމް ފައްކާކުރާނަން: ރައީސް

މިހާތަނަށް ހދ. އަތޮޅުގައި ނުވެ އޮތް ކަމަކީ ފަތުރުވެރިކަން ކަމަށާއި، އެހެންކަމުން އެ އަތޮޅުގައި ފަތުރުވެރިކަން ނޯންނަ ލޭބަލް ކަނޑުވާލަދެއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް މިވަގުތު ކުރައްވާ ދަތުރުފުޅުގައި ހެނދުނު އެ އަތޮޅުގެ ނައިވާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. "[އެކަމަކު] މިއީ މިހާތަނަށް މި އަތޮޅުގައި ނުވެފަ އޮތް ކަމެއް، އެއްވެސް ބަޔަކަށް ޓޫރިޒަމް މި ރަށުގައި ހިނގާނެ ގޮތެއް ނުހެދޭ،" ރައީސް ވިދާޅުވިއެވެ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ހދ. އަތޮޅުގައި ފަތުރުވެރިކަން ނެތް ލޭބަލް ކަނޑާލާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވިގޮތުގައި، ފަތުރުވެރިކަން މަދު އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އިންވެސްޓަރުންނަށް ޑިސްކައުންޓްތަކާއި އެކި ލުއިތައް ދީ، ފަޅުތަކާއި ފަޅުފަޅުގެ ބައި ހިމެނޭހެން އިންވެސްޓްކުރަން ހދ. އަތޮޅުން އެކަނި ވެސް 10 ސަރަހައްދެއް ހުޅުވާލާފައިވާނެއެވެ. މިހާރު ވެސް ބައެއް އިންވެސްޓަރުން މައުލޫމާތު ސާފުކޮށް ބިޑު ހުށަހެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހދ. ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް, މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް އެހީތެރިކަން ފޯރު ކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ހދ. އަތޮޅުގައި ފަތުރުވެރިކަން ނެތް ލޭބަލް ކަނޑާލާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް "އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ފެންނާނެ، ވީމާ އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނީ މި އަތޮޅުގަ މިހާތަނަށް މި އޮތް ޓޫރިޒަމް ނެތި މި ދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާކަމާ އެކީގަ ހިނގާ އަތޮޅަކަށް ހެދުން،" ފާހަގަކުރެވޭ ގޮތުގައި، ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން އެމްޓީޑީސީއަށް ނާގޯށި ދިނީ މީގެ 19 އަހަރުކުރިން 2006 ވަނަ އަހަރުގައެވެ. ނަމަވެސް 2016 ވަނަ އަހަރާ ހަމައަށް ނިންމުނީ އެ ރިސޯޓުގެ އެންމެ 37 ޕަސެންޓެވެ. މި 19 އަހަރު ދުވަހުގެ މުއްދަތުގައި ރަޝިއާގެ ކޮންޓްރެކްޓަރަކާ 2007 ވަނަ އަހަރު، އަދި ދުބާއީގެ ކޮންޓްރެކްޓަރަކާ 2021 ވަނަ އަހަރު އެ ރަށް ހަވާލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ