އަތޮޅު ފެރީތަކަށް ހެންވޭރު ޓާމިނަލް ފަޅު ބޭނުންކުރެވޭނެ: އެމްޓީސީސީ

ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ފަޅުން ބައެއް ބަންދުކުރި ނަމަވެސް، އޭގެ ބަދަލުގައި އުޅަނދުފަހަރަށް ލަފާފުރަން ހެންވޭރު ފެރީ ޓާމިނަލް ފަޅު ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ދަތުރުވެރިންގެ މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދަށް އޮންނަ ފަޅުގެ ސަރަހައްދުގެ މިދިޔަ އަންގާރަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ.
އެ ސަރަހައްދު ބަންދުކުރީ ކިހާ މުއްދަތަކަށް ކަމެއް ކޮންސްޓްރަކްޝަން މިނިސްޓްރީން ނުބުނެ އެވެ.
ބަންދުކުރީ އަތޮޅު ފެރީތަކާއި ރިސޯޓު ފެރީތަކުން ލަފާފުރުމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދެކެވެ.
ތަފްސީލު - އެމްޓީސީސީގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވީ އުޅަނދުފަހަރަށް ލަފާ ފުރުމުގައި ހެންވޭރު ފެރީ ޓާމިނަލް ފަޅުގެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ.
ލޯންޗުތައް ލަފާފުރާ ޖެޓީތަކަށް ބާރު ބޮޑުވެ، މާލެ އަންނަ ލޯންޗު ފެރީތަކުން ދަތުރުކުރާ ފަސިންޖަރުންނަށް އަރާ ފޭބުމަށް ދަތިވާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެމްޓީސީސީއިން ހެންވޭރު ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލްގެ ފަޅު އާންމުކޮށް ހުޅުވައިލީ 13 މާޗު 2025 ގައެވެ.
އެމްޓީސީސީއިން ފުރަތަމަ ދިނީ އެ ތަންތަން ބޭނުންކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތެވެ. އަދި އެ ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރީ ހަތް ކުންފުންޏަކުންނެވެ.
އޮފިޝަލް ވިދާޅުވީ މީގެ ކުރިން އެ ސަރަހައްދު މާ ގިނަ މީހުން ބޭނުންނުކުރި ނަމަވެސް، ދަތުރުވެރިންގެ މާރުކޭޓާ އިންވެގެން އޮންނަ ފަޅު ބަންދުކުރުމުން ފެރީ ޓާމިނަލް ފަޅާއި ބީއެމްއެލް ކުރިމައްޗަށް އޮންނަ ފަޅު ބޭނުންކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ