ދޮގުވެރި ވަގު ލުޓޭރުންގެ އަބުރެއް ޝަރަފެއް ނުއޮންނާނެ!

އަބުރާ ޝަރަފަކީ މަކާރިމުލްއަހުލާގުގެ ވެރިންގެ ހައްގެކެވެ. ވެރިމަކަމަށް އަންނަ ހެއްދެވިހާ ދޮގުހަދާ ފަސާދަ އުފައްދާ ފިތުނައިން ކަޅިވެގެން ވެރިކަން ހޯދާ ވެރިއެއްގެ އޮންނާނީ ކޮން ޝަރަފެއް އިއްޒަތެއް އަބުރެއް ހެއްޔެވެ. 
ރާއްޖޭގައި ހަތިޔާރު އެލީ އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ތިބެ އަޅުވެތިކޮށްފައިވާ ކަމަށް އަނގަފުރާ މުއިއްޒު ވާހަކަ ދެއްކީ ސާޖިދާއާއި އެކު ނިދަން އަރާ ސާޖިދާ ކައިރިއަކު ނޫނެވެ. ދިވެހި ރައްޔިތުންގެ ކުރި މަތީގައި ބައިނަލްއަގުވާމީ މީޑިޢާތަކުގައެވެ. އާހިރުގައި ކަން ނިމުނީ ކިހިނެއް ހެއްޔެވެ. 
ކަނދުތަކާބެހޭ ބައިނަލް އަގުވާމީ ގާނޫނުގެ ދަށުން ކަނޑުތަކުގެ އިންވަކިކުރާ ޓްރައިބިއުނަލުން ހިންގާ ނިންމި ޝަރީއަތަކާ ގުޅުވައިގެންވެސް ކަނޑު ވިއްކާލީ ކަމަށް ބުނެ ދޮގުހެދިއެވެ. ވެރިކަމަށް އައި އަނބުރާ ހޯދާނެކަމަށް ބުންޏެވެ. ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުން ނިންމާ ކަންކަން ފުށުން ޖަހާލާނެ ކަމަށްބުނެ ހެދި ބޮޑު ދޮގު މީހުން ހަނދާނެއް ނުނެތެއެވެ. 
ރަސްމާލެއާއި ރަސްމާލެ ޓަނަލާއި ތިނަދޫ އެއަރޕޯޓާއި މޮނޯ ރޭލާއި އައްޑޫ މީދޫ ބްރިޖާއި މިހިރަ މިހިރަ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. އިހަށް ދުވަހު ފޭކް ޕްރިންސް ގެނެސްގެން އަޅާ ފައިނޭންސަލް ސެންޓަރގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާއެވެ. 
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށްވީހާ ވައުދުތައް އެހުރީ ރެކޯޑް ކުރެވިފައެވެ. ރަށަކަށް އަރައިފިއްޔާ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނޣޭ ވަރަށް ދޮގު ވައުދުތައް ވަނީއެވެ. 
އަޒުލަށް ބިރުން ރިޝްވަތު ދީގެން 13 މެންބަރުން ނުގަންނަ ކަމަކަށް ނުވާނެއެވެ. ޖެހުނުތާކުން ޖެހުނު މީހަކު މުއިއްޒަށް ބައި އަޅައިގެން ދައުލަތްކައި ހުސްކުރަނީއެވެ. ބޭރުގެ ދަތުރުތަކަށާއި އަމިއްލަ އުފަލަށް ދެމަފިރީންވެގެން ދައުލަތް ދަވާލަނީއެވެ. 
މާބޮޑު އަބުރެއް އޮވެގެން މިނިވަން މީޑިއާ ތަޅުއަޅުވަން ބޭނުންވެގެން ރައްޔިތުންގެ ރުހުން ހޯދަން ދައްކާހާ ވާހަކައިން ބަރަހަނާ ވަނީ އަމިއްލައަށެވެ. އަނގަފުރާފައި ދައްކާ އެއްވެސް ވާހަކައެއް ތިމާގެ ގައިން ނުނައްޓައެވެ. ނުބައި ނުލަފާ ހުރިހާ ކަމެއް އެކެއްގެ ކިބައިން ފެންނާނެ ހަމަ އެކަނި ވެރިއަކަށް ދުނިޔޭގައި ހުރި ވެރިއަކީ މުއިއްޒެވެ. ދޮގުވެރި ވަގު ލުޓޭރުންގެ އަބުރެއް ޝަރަފެއް ނުއޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ