ބައްސާމްގެ އެޕާޓްމަންޓް މައްސަލަ: އަގީލަށް ވަކީލަކު ހޯދުމަށް ފުރުސަތު ދީފި

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވެ، އެ ފައިސާއިން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެޕާޓްމަންޓެއް ގަތްކަމަށް ތުހުމަތުވާ މައްސަލައިގައި އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުޙައްމަދު އަގީލްގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާގެ ޝަރީއަތް ފަށައި، ވަކީލަކު ހޯދަން އޭނާއަށް ފުރުސަތު ދީފިއެވެ. އެފްއޭއެމްއަށް އެކި ފަރާތްތަކުން ދިން ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ދިން ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ ޢަމަލުތަކެއް ހިންގާކަމަށް ތުހުމަތުގައި ތަހުގީގެއް ހިންގިއެވެ. އެ މައްސަލައިގައި އަގީލްގެ އިތުރުން، އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރި މ. ހިރިނައިދޫ، ޙަސަން ވަހީދުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ. މި މައްސަލަތައް އެކުއެކީގައި ކުރިއަށް ގެންދަން މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް، މިއަދު ކުރިއަށް ގެންދިޔައީ ހަމަ އެކަނި އަގީލްގެ މައްސަލައިގެ އިބުތިދާއީ އަޑު އެހުމެވެ. މި އަޑު އެހުމުގައި އަގީލަށްވަނީ ވަކީލެއް ހޯދުމަށް ފުރުސަތު ދީފައެވެ. އަންނަ މަހު، އަގީލްގެ މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މިއަދު ޝަރީއަތުގައި ވިދާޅުވިއެވެ. ގާޒީވަނީ ދެން އޮންނަ އަޑު އެހުމަކަށް އަގީލް، ވަކީލެއް ހޯދުމަށް އަންގަވައިފައެވެ. އަދި ވަކީލެއް ނުހޯދިޔަސް ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ ހަސަން ވަހީދުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނީ، އޭނާގެ ވަކީލަށް ކޯޓުން ޗިޓު ރައްދުކޮށްދެވިފައި ނުވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ. ހަސަން ވަހީދު މިއަދު ކޯޓަށް ހާޒިރުވެސްވިއެވެ. މިއާއެކު ދެން ކުރިއަށް ގެންދާ އަމީން ކޮންސްޓްރަކްޝަން ކުންފުނީގެ މައްސަލަވަނީ މަޑު ޖައްސާލާފައެވެ. އެހެންނަމަވެސް އެ މައްސަލަ މަޑު ޖައްސައިލީ ކީއްވެގެން ކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އަގީލްގެ މައްޗަށް ދައުވާކޮށްފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބައްސާމު، އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުން އަމީން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ފަހު، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އެފްއޭއެމްއަށް ބޭންކް ރޭޓުން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް، އެ ލިޔުން ތައްޔާރުކޮށް، އެފްއޭއެމްގެ ފައިސާއިން އަމީން އެވެނިއުގެ އެޕާޓްމަންޓް ގަނެ، މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރިން ބުނެފައިވެއެވެ. ހަސަން ވަހީދުގެ މައްޗަށް ދަޢުވާކުރަނީ ވެސް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީވެސް ހަމަ އެ އެޕާޓްމެންޓާ ގުޅޭ މައްސަލައިގައެވެ. މި މައްސަލަތަކާއި، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަތަކުގައި ބައްސާމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީއަތް ފެށި މިހާރު ހެކިބަސް ވެސް ވަނީ ނަގާފައެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެ ނަމަ ދިގު މުއްދަތަކަށް އޭނާ ޖަލަށްލާނެއެވެ. https://sun.mv/210406 ބައްސާމްގެ މައްސަލައިގެ އަޑު އެހުމެއް މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އޭނާ ބަލިވެގެން ކޯޓަށް ހާޒިރު ނުވެވޭތީ މިއަދުގެ އަޑު އެހުންވަނީ ކެންސަލްކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި ހަފުތާގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ