އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބަކަށް ރާއްޖެ
މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިޚާބުކޮށްފިއެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ނައިބު ރައީސްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ރާއްޖެއިންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)އާ ގުޅިފައިވާ އިންސާނީ ހައްގުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތާރީޚެއް އޮތް ގައުމެއް ކަމަށެވެ. މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވަނީ، އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ހަރަކާތްތެރި މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވައުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދުލުއިންސާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުސޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ ކޮންމެ މީހަކަށްވެސް އިންސާފުވެރި، އެންމެންގެ ބައިވެރިވުން އޮތް، ޝާމިލު ދުނިޔެއެއް ގާއިމުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އދ.ގެ މުހިންމު މަގާމުތައް މީގެ ކުރިން ވެސް ރާއްޖެއިން ފުރައިފައިވެއެވެ. އެގޮތުން އަންނަ ސެޕްޓެންބަރު މަހު ފަށާ, އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރަން ރާއްޖެ އިންތިޚާބުވެފައިވެއެވެ. އޭގެ ކުރިން، ރާއްޖޭގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ. ރާއްޖެއިން އދ. އާ ގުޅުނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 ދުވަސް ފަހުން، ސެޕްޓެންބަރު 21، 1965ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ