ޖޯޖިއާ މުބާރާތުން ލައިބާއަށް އެއް ރިހި، ދެ ލޯ މެޑަލް
ޖޯޖިއާގައި ބޭއްވި "ބަޓޫމީ ކަޕް ޔޫތު އިންޓަނޭޝަނަލް 2025"ގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ އުންމީދީ ތަރި ލައިބާ އަހުމަދު މަހުލޫފް (އެލީ) ރިހި މެޑަލަކާއި މިކްސް ޑަބަލްސް އިވެންޓުން ދެ ލޯ މެޑަލް ހޯދައިފިއެވެ. ޖޯޖިއާގެ ބަޓޫމީ ސިޓީގައި ހުކުރު ދުވަހުން އާދިއްތަ ދުވަހަށް ކުރިއަށްގެންދިޔަ މުބާރާތަކީ ޖޯޖިއާގެ ގައުމީ ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ޖޯޖިއާއާއި ރާއްޖޭގެ އިތުރުން ތުރުކީ، ކަޒަކިސްތާން، އަރުމީނިއާ، ލެޓްވިއާ، އަޒަރުބައިޖާންގެ، އަރަމުން އަންނަ ވަރުގަދަ އެތުލީޓުން އެ މުބާރާތުގައި ވާދަކުރިއެވެ. އެގޮތުން މި މުބާރާތުގައި އުމުރުން 11، 13 އަދި 15 އަހަރުން ދަށުގެ އުމުރުފުރައިގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭގޮތަށް 78 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ލައިބާ އާއި ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާގެ ޕެއާ ބަލިވީ ކަޒަކިސްތާންގެ ޕެއާ އަތުންނެވެ. ވާދަވެރި ކުޅުމަކަށްފަހު އެ މެޗުން ކަޒަކިސްތާންގެ ޕެއާ މޮޅުވީ 15-13 އާއި 15-10 އިންނެވެ. ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގައި ލައިބާ ބަލިވީ ކަޒަކިސްތާންގެ 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ، ލެއޮނޯވާ ސޯފިއާ އަތުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުން ސޯފިއާ މޮޅުވީ 15-10 އާއި 15-12 އިންނެވެ. މި މުބާރާތުގެ މިކްސްޑް ޑަބަލްސް ސެމީގައި ލައިބާ އާއި އަރުމީނިއާގެ މަނުކްޔަން ނާރެކްގެ ޕެއާ އަށް ނާކާމިޔާބުވީ ތުރުކީގެ ޕެއާ އަތުންނެވެ. މި މެޗުން ތުރުކީގެ ޕެއާ މޮޅުވީ 15-7 އާއި 15-8 އިންނެވެ. ލައިބާ ވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައި ބޭއްވި "އަރުމީނިއަން ޔޫތު އޯޕަންގެ ތިން ކެޓެގަރީއަކުން ރަން މެޑަލް ވެސް ހޯދައިފައެވެ. މީގެއިތުރުން ލައިބާ ވަނީ ދާދިފަހުން ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުގައި ވެސް ހިމެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ