ފުރަތަމަ ޑިވިޝަނުން ސަސް ވަކިވެއްޖެ، އެ ޖާގަ ނިއު ރޭޑިއަންޓަށް؟
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން އެންގުމުން އެ ޖާގައާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބިއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ އެ ކުލަބު ފުރަތަމަ ޑިވިޝަނުން ވަކިވިކަން، މިމަހުގެ 23 ވަނަ ދުވަހު އަންގައިފައިވާކަން ހާމަކޮށްފައެވެ. އެ ކުލަބުން ފޮނުވި ލިޔުމުގައި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކުލަބުގެ މާލީ ހާލަތު ގޯސްވުމެވެ. އެފްއޭއެމުން ބުނެފައިވަނީ ސަސްގެ މި ނިންމުމާއެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ފުރަތަމަ ޑިވިޝަނުގައި ސަސްއިން ފަސް އަހަރު ވާދަކޮށްފައިވާއިރު އެ ޓީމު ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ 2019 ވަނަ އަހަރެވެ. މި ނިންމުމާއެކު ފުރަތަމަ ޑިވިޝަނުގައި ހުސްކޮށް އޮތް ޖާގަ ލިބުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް އެބައޮތެވެ. ނަމަވެސް ފައިނަލް ނިންމުން ނިންމާނީ އެފްއޭއެމުގެ އެކްސްކޯ އިންނެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ފުރަތަމަ ޑިވިޝަނަށް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވާހަކަދެކެވެއެވެ. އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ ކުލަބުގެ ބޯޑު މެމްބަރެއް ވަނީ ނަން ނުޖަހަން ޝަރުތުކޮށް މީގެކުރިން "ސަން" އަށް މައުލޫމާތު ދީފައެވެ. ފުރަތަމަ ޑިވިޝަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ފާސްކޮށްފައިވާ ޓީމުތަކުގެ އަދަދަކީ 10 އެވެ. ސަސް ވާދަނުކުރާނަމަ އެ ޖާގަ ދެވަނަ ޑިވިޝަނުގައި ތިންވަނައިގައި އޮތް ޓީމަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އޮޑި އާއި ވިކްޓްރީ ވަނީ ދަތުރުކޮށްފައެވެ. ތިންވަނަ ޓީމުގެ ގޮތުގައި ވާދަކުރަނީ ނިއުގެ އިތުރުން ސެމީގައި ދެން ވާދަކުރި ޓެންޓް ސްޕޯޓްސް ކުލަބެވެ. ފުރުސަތު ބޮޑު ނަމަވެސް ނިއުއަށް އެކަން ޔަގީންވާނީ ޓެންޓުން އެކަމަށް އެއްބަސްވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ