ބޮޑުތަކުރުފާނުގެ އުފަން ބިމެވެ. އުތީމު ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ ހަނދާނުގައި ފާހަގަކުރާ ގައުމީ ދުވަހެވެ. އެ ދުވަހުގެ "ޝަރަފުގައި" އޮތް ޖަލްސާ އެވެ. އެ ޖަލްސާގައި ރައީސް ދެއްވި ތަގުރީރެވެ. އެކަމަކު އެ ޖިހާދުގެ ވާހަކައަށް ވުރެ ރައީސް ދެއްކެވީ ހުދޫދެއް ނެތް ވަރަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުދެވޭނެ ވާހަކަ އެވެ.
މުޅި ތަގުރީރުގައިހެން އޮތީ އަބުރުގެ ވާހަކަ އެވެ. އިއްޒަތުގެ ވާހަކަ އެވެ. ހިތަށް އަންނަހާ ވާހަކައެއް ދެއްކުމަކީ ނުރައްކާތެރި ކަމެއް ގޮތުގައި ބަޔަކަށް ވިސްނައިދޭން އުޅުއްވި ކަހަލަ އެވެ. ގައުމިއްޔަތާއި ދިވެހި ދައުލަތުގެ މިނިވަންކަމުގެ އެންމެ ބޮޑު ނުރައްކަލެއް ގޮތަށް ސިފަކުރެއްވީ ވެސް ވަކިވަކި ފަރުދުންނަށް ލިބިދޭ 'ހުދޫދެއް ނެތް' ހިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ.
"އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން، އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން، ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ، ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިހެނެވެ.
ރަނގަޅު އެއް ވާހަކަ އެބަ އޮތެވެ. ދޮގު ހަބަރު ފަތުރައިގެން ނުވާނެ އެވެ. އަބުރު ރައްކާތެރިކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮވެ އެވެ.
އެކަމަކު މި ގައުމުގައި އެ ހައްގު ހޯދޭނެ ގޮތެއް ނެތީ ހެއްޔެވެ؟ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހޯދަން މަދަނީ ދައުވާކޮށް ކޯޓަށް ދެވޭނެ އެވެ. އެ ހައްގު ހޯދުމާއި، މީހަކު ނުހައްގުން މީހެއްގެ އަބުރަށް އަރައިގެންފިއްޔާ ފިޔަވަޅު އެޅޭނެ ނިޒާމު އެބަ އޮތެވެ.
މި ފަހުން އެ ހައްގު ކޯޓު މެދުވެރިކޮށް ހޯއްދެވީ ވެސް އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެ މަނިކުފާނުގެ ފިރިހެން ދަރިކަލުންގެ އަބުރަށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު އަރައިގަތް ކަމަށް ކޯޓުން ސާބިތުކޮށް، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަން ކޯޓުން ކަނޑައެޅި އެވެ.
ކަންބޮޑުވުން ބޮޑުވި ކަމަކީ، މި ހުރިހާ ކަމެއް އޮވެފައި ވެސް ރައީސް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި ދަނޑިވަޅެވެ. އެއީ މަޖިލީހުގައި އަމިއްލަ ގޮތުން އިންނަވާ މެންބަރަކު ލައްވައި، ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންގެ ވެސް ބައިވެރިވުން އޮވެގެން ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ބިލެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި މީހުންގެ އަބުރު ރައްކާތެރިކުރުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުދޫދެއްގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެ ހުދޫދު ކަނޑައަޅާނީ ކޮން ބަޔަކު ހެއްޔެވެ؟ ރައީސް ހެއްޔެވެ؟ ސަރުކާރުން ހެއްޔެވެ؟ ނޫނީ މިހާރު ހުށަހެޅިފައިވާ ބިލުގައިވާ ގޮތަށް ސަރުކާރުން ކޮންޓްރޯލްކުރާ ކޮމިޝަނަކުން ހެއްޔެވެ؟ މިހާރު މި އޮތް ނިޒާމުގެ ތެރެއިން ޝަރީއަތަށް ގޮސްގެން އެ ކަން ހާސިލްނުވާނެ ހެއްޔެވެ؟
ކުރިން ވެސް ފާހަގަކުރިހެން އަބުރު ރައްކާތެރިކުރުމުގެ ހައްގު ހޯދުމަކީ މިހާރު އޮތް ނިޒާމުގެ ތެރެއިން ވެސް ކުރެވޭނެ ކަމެކެވެ. އަބުރާ ބެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދެއް ވެސް އެބަ އޮތެވެ. އަބުރާ ބެހިގެން ކޯޓުގައި މިހާރު ވެސް މައްސަލަތައް އެބަ ހިނގަ އެވެ. ނޫސްތަކުގައި ލިޔެގެން ވެސް ކޯޓަށް މައްސަލަތައް ލައިގެން ފަރުވާ އެބަ ހޯދަ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އަބުރު ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގެ ނިޒާމަށް އިތުރުކުރަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވީ އަބުރާ ބެހުމުގެ ސަބަބުން ކޯޓަށް ދެވޭނެ ކަން އެއީ ގިނަ ބަޔަކު ވެސް ދަންނަ، އާންމުން ވެސް ހޭލުންތެރި ކަމެއް ކަމަށެވެ.
"އަޅުގަނޑު މި ފަހުން ދިރާސާ ވެސް ކުރިން. އަބުރާ ބެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނެގޭ ކަން ހަމަ ގިނަ މީހުންނަށް އެނގޭ. ގިނަ ބަޔަކު ދަންނަ ކަމެއް އެއީ. ސިވިލް ކޯޓުގައި ވެސް ގާތްގަނޑަކަށް 100އެއްހާ މައްސަލައެއް އެބަ އޮތް. ފަރުވާ ވެސް ދީފައި އެބަހުރި،" ސުއޫދު ވިދާޅުވި އެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ ނޫސްތައް ވަކިން ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރޭޝަން ވަކި ހިސާބަކުން މެދުކަނޑާލުމަކީ ޑިމޮކްރެސީތަކުގައި ކުރާ ކަންކަމެއް ނޫން ކަމަށެވެ. ސަރުކާރުން މި ކަމުގެ ތެރެއަށް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ސަރުކާރާ ބެހޭ ކަމެއް ނޫން. ވަކި އިދާރާއެއް އޮންނަން ޖެހޭ ކަމެއް ވެސް ނޫން. ދެން މީހެއްގެ އަބުރާ ބެހިގެން ބްރޯޑްކާސްޓިން ކޮމިޝަނަކުން ނޫން ދޯ އުޅޭނީއެއް. އެ ކޮމިޝަނުން ބަލަން ޖެހޭ ކަމެއް ނޫން އެއީއެއް. [މިހާރު ވެސް އޮތް ގޮތަށް] ކޯޓުތަކަށް ދޫކޮށްލަންވީ މި ކަންކަން،" ސުއޫދު ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހުމަދު ނަޒީފް ވިދާޅުވީ މިހާރު ރާއްޖޭގައި ނޫސްތައް ރެގިލޭޓްކުރަން މި އޮންނަ، މީޑިއާތަކުގެ ތެރެއިން ކަނޑައެޅޭ ބަޔަކު ރެގިއުލޭޓްކުރާ ނިޒާމަކީ ރަނގަޅު ނިޒާމެއް ކަމަށެވެ. އޭގައި ކުރަންވީ ވެސް ކަމަކީ އެ ތަނަކީ ހިންގޭ ތަނަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާ ކައުންސިލް ފަންކްޝަން ކުރާ ވަރަށް ނުކުރާތީ އެ ކަން ސަބަބަކަށް، އުޒުރަކަށް ވެސް މި އޮތީ. އެހެންކަމުން މީޑިއާ ކައުންސިލަށް، މިސާލަކަށް މެންބަރުން އިންތިހާބުކުރާ ގޮތާއި ބަޖެޓާއި ވަސީލަތްތައް ލިބޭ ވަރު މި ކަހަލަ އިސްލާހުތަކެއް އަންނަންވީ،" ނަޒީފް ވިދާޅުވި އެވެ.
ޑިމޮކްރެސީގެ ފަލްސަފާގައި ވެރިންނަށް ފާޑުކިޔުމަކީ އާންމު އެހެން ފަރުދުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާ ވެސް ތަފާތު ކަމެކެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ވެރިންނަކީ ދައުލަތުން މުސާރައާއި އާމްދަނީ ހޯދައިގެން، ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ބަޔެކެވެ. އެ ވެރިން ކުރާ ކަންކަމަށް ފާޑުކިއުމަކީ ވީހާވެސް ފުޅާކޮށް ލިބެން ޖެހޭ މިނިވަންކަމެކެވެ. މުޖުތަމައުގެ ތެރޭގައި ދެކެވޭ ވާހަކައެއް، ތުހުމަތެއް ރިޕޯޓްކޮށް ޖަވާބުދާރީ ވެސް ކުރުވަން އެބަ ޖެހެ އެވެ.
މި ކަންކަން ފާހަގަ ކުރައްވަމުން ސުއޫދު ވިދާޅުވީ، ސިޔާސީ މީހަކަށް ވެސް ކޯޓަށް ދިއުމުގެ ހައްގު ލިބޭ ކަމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ސިޔާސީ މީހުން ވެސް ކޯޓުތަކަށް ހުށަހަޅައިގެން ކޯޓުތައް މެދުވެރިކޮށް ހޯދަން ޖެހޭ ފަރުވާއެކެވެ. ކޯޓުތަކުން އުސޫލުތައް ނެރެ، މިހާރު ހުރި އުސޫލުތައް މާނަކުރާނެ އެވެ.
ސިޔާސީ މީހުންނަށް މީގައި އޮންނަންވީ ދާއިރާއާއި އާންމު ފަރުދުންގެ އަބުރާ ހުރި ތަފާތަކީ ކޯޓުތަކުން ކަނޑައަޅަން ދޫކޮށްލަން ޖެހޭ ކަމެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
"އެހެން މީހުން ވެސް މި ދަނީ ކޯޓަށް. މި ދެންނެވީ 100އެއްހާ މީހުން ވެއްޖޭ ކޯޓަށް ގޮސް. ސިޔާސީ މީހުން ވެސް ދާން ޖެހޭނީ ކޯޓަށް. ކޯޓުން ދެން ކަނޑައަޅަންވީ އާންމު ފަރުދަކަށް އޮންނަން ޖެހޭ ދާއިރާ، ސިޔާސީ މީހަކަށް އޮންނާނެ ދާއިރާ، ސަރުކާރުން ވަންނަން ޖެހޭ ކަމެއް ނެތް މިއަކު،" ސުއޫދު ވިދާޅުވި އެވެ.
ނަޒީފް ވެސް ގަބޫލުކުރައްވާ ގޮތުގައި މާޒީން ކޮށްފައިވާ ތަޖުރިބާތަކާއި ރާއްޖޭގެ ސިޔާސީ ސަގާފަތް އޮތް ގޮތުން ވެސް އެންމެ ރަނގަޅު ގޮތަކީ މީޑިއާތަކުގެ އަމިއްލަ ޖަމިއްޔާއެއް ނޫނީ ކައުންސިލެއް އޮވެގެން ރެގިއުލޭޓް ކުރުމެވެ. މީޑިއާތަކުގެ މިނިވަންކަމާއި ސަރުކާރަށް ފާރަވެރިވުމުގެ ޖާގަ ލިބޭކަން ޔަގީންކުރުމުގެ ގޮތުންނެވެ.
"މީހަކު ބުނެފާނެ ވަކި އިދާރާތަކެއް އެބަ އޮވޭ ޔޫރަޕްގެ ކޮންެމެ ވެސް ގައުމެއްގައި. އެކަމަކު ކޮންމ ތަނަކުން ވެސް ކަމަކަށް ބަލާނީ އެ ތަނެއްގައި ކުރެވުނު ތަޖުރިބާއަށް. ނޫސްތައް ހުއްޓުވުމާއި، ރަޖިސްޓްރޭޝަން ބާތިލްކުރުމާއި، ނޫސްވެރިން ޖަލަށް ލުމާ މި ކަންކަން ތަޖުރިބާކުރި ބަޔެއްގެ ކަންބޮޑުވުން އޮންނާނެ މި ކަހަލަ ކަމެއްގައި،" ނަޒީފް ވިދާޅުވި އެވެ.
ސޯަޝަލް މީޑިއާއާއި އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމަކީ ވެދާނެ ކަމެއްތޯ ވެސް ނަޒީފް ސުވާލު އުފެއްދެވި އެވެ. އޭގައި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކީ ކުރިއާލާ ތެދު މައުލޫމާތު ހޯދޭނެ ގޮތެއް ބަލައި، ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ވަކިކޮށްދޭނެ ނިޒާމެއް އެފެއްދުމެވެ. އެހެން ހުރިހާ ގޮތަކުން ރާއްޖޭގައި މިހާރު ނިޒާމުތައް ހުރީ އެކުލަވާލެވިފަ އެވެ.
ރައީސް މުއިއްޒެވެ. އަބުރާ ބެހެފިނަމަ ރައްކާކުރުމުގެ ހައްގު ކޯޓުން ހޯދޭނެ އެވެ. ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ އެވެ. ނޫހަކުން ލިޔުނަސް އެކަން ކުރެވޭނެ އެވެ. މީޑިއާ ކައުންސިލަށް ވެސް ހުށަހެޅޭނެ އެވެ. ކުރަންވީ ކަމަކީ އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ދީގެން، މައްސަލަތައް އަވަށް ދުވެއްޔެއްގައި ނިންމުމުގެ ގާބިލްކަން ދިނުމެވެ.
ވެރިންނަށް ފާޑުކިޔުމާއި ހިޔާލުފާޅުކުރުމުގެ ހުދޫދު އޮތީ ކަނޑައެޅިފަ އެވެ. ފުޅާ ދާއިރާއެއްގައި މިހާރެކޭ އެއް ގޮތަށް ލިބެން ޖެހެ އެވެ. އިތުރަށް ހުދޫދު ކަނޑައެޅުމުގެ ބޭނުމެއް ނެތެވެ.
ރައީސްއޭ، އަބުރު ރައްކާކުރެވޭނެ؛ ފާޑުކިޔުމުގެ މިިނިވަންކަން އޮންނަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ