އިސްރާއީލު ސިފައިން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކުގައި 50 މީހުން މަރުވެއްޖެ

ލުބުނާނުގެ ގަޑިން މިއަދު ހެނދު، އިސްރާއީލުގެ
އުދުވާނީ ސިފައިން ލުބުނާނުގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި 50 މީހުން
މަރުވެފައިވާ ކަމަށް ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި،
އަންހެނުންނާއި، ޕެރަމެޑިކްސްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި 50 މީހުން މަރުވުމުގެ
އިތުރުން، އިތުރު 300 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި
ވެއެވެ.
މިއަދު ހެނދުނު އެކަނިވެސް އިސްރާއީލު ސިފައިން
ލުބުނާނުގެ 300 ތަނަކަށް ވައިގެ ހަމަލާތައް ދީފައި ވެއެވެ.
ހެނދުނުގެ ވަގުތުގައި ދިން ހަމަލާތަކަށްފަހު،
އިސްރާއީލު ސިފައިން މިހާރުވެސް ގެންދަނީ ލުބުނާނުގެ ބައެއް ހިސާބުތަކަށް
ހަމަލާތައް ދެމުންނެވެ.
އިސްރާއީލުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި
ކުރައްވައި، ލުބުނާނުގެ ބޮޑުވަޒީރު މިކާތީ ވިދާޅުވީ، އިސްރާއީލުން މިފެށި
ހަނގުރާމައަކީ ލުބުނާނުވެސް ނައްތާލުމުގެ ހަނގުރާމައެއް ކަމަށެވެ.
އަދި މި އުދުވާނު ހުއްޓުވައި ދިނުމަށް އދގެ
ސަލާމަތީ މަޖިލީހަށާއި، އދގެ އާންމު މަޖިލީހަށްވެސް ބޮޑުވަޒީރު ގޮވާލެއްވިއެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއެކު
ހިޒްބުﷲއިންވެސް މިހާރު ދަނީ އިސްރާއީލަށް ވަރުގަދައަށް ރޮކެޓް ހަމަލާތައް
ދެމުންނެވެ.
ހިޒްބުﷲއިންވަނީ، އިސްރާއީލުން ދިން ހަމަލާތަކާ
އެއްވަރުގެ ބަދަލެއް ހިފާނޭ ކަމަށް ވައުދުވެފައެވެ.
ހިޒްބުﷲގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ
ތެރޭގައި، ހިޒްބުﷲގެ މުޖާހިދުންވަނީ އިސްރާއީލު ސިފައިންގެ ދެ ޕޯސްޓަކަށް
ބޮންއަޅައި، ހައިފާގެ އުތުރުގައި ހުންނަ އަސްކަރީ މުއާސަލާތީ ސާމާނު އުފައްދާ ފެކްޓަރީއަކަށްވެސް
ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަދި އިސްރާއީލުގެ އެތެރެއަށް އެތައްސަތޭކަ ރޮކެޓެއްވެސް
ފޮނުވަމުން އެބަގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ