މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން ސިޓީ ކައުންސިލަށް އަންގައިފި

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން، މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިފަދައިން އަންގާފައި ވަނީ މިއަދު ކުރި އިއުލާނެއްގައެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިފަދައިން ނިންމާފައި ވަނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވުމުން ކަމަށެވެ.
އަދި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް އެ މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިއަދު (23 ސެޕްޓޭމްބަރު 2024)އިން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ.
މި ތާރީހާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ހިނގާ ބިނގާވެ އުޅުމަށްވެސް ވަނީ ގިނަ ދަތިތަކާ ކުރިމަތިވެފައެވެ. އަދި އާންމު ފަރުދުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ޕާކް ކުރުމާއި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކާ މެދު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން ދަނީ ފިޔަވަޅު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ