ނޭނގި ޕާޓީ ބަދަލުވެފައިވާނަމަ ކުރީގެ ޕާޓީއަށް ރުޖޫޢަކޮށްދޭ ގޮތަށް އީސީގެ ޤަވާއިދު އިސްލާހުކޮށްފި

ނޭނގި ސިޔާސީ ޕާޓީ ބަދަލުކޮށްފައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކުރިން ހުރި ސިޔާސީ ޕާޓީއަށް ބަދަލުކޮށްދޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް އިލެކްޝަން ކޮމިޝަނުން ބަދަލުގެނެސްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ 19 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި، ސިޔާސީ ޕާޓީއަކުން ވަކިވާން އެދި ޕާޓީއަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެމީހަކު އެޕާޓީން ވަކިކޮށްދޭން ޖެހެއެވެ. އަދި އެގޮތަށް ވަކިކޮށް ނުދޭ ނަމަ، ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހެޅުމުން އެމީހެއްގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ހުރެގެން އަދާ ނުކުރެވޭ މަގާމަކަށް ކުރިމަތިލުމުން ނުވަތަ އެމީހަކަށް ނޭނގި ޕާޓީ ބަދަލުވެގެން އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހަޅައިފިނަމަ، ޕާޓީގެ ދަފްތަރުން އުނިކޮށްދޭންޖޭހެނެ ކަމަށް އެއިސްލާހުގައިވެއެވެ.
ކުރިން ޤަވާއިދުގައި އޮންނަ ގޮތުން ޕާޓީން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށެވެ. އަދި ވަކި ސަބަބަކާ ހުރެ ޕާޓީއަކުން ވަކިވާން އެދިއްޖެނަމަ، އެމީހަކު ވަކިވާން ހުށަހެޅި ސަބަބަށް ރިޢާޔަތްކޮށް އޭނާ ދަފްތަރުން އުނިކޮށްދިނުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް އޮވެއެވެ. ނަމަވެސް މިހާރު ޢަމަލުކުރަން ފެށި އިސްލާހާއެކު އެމީހަކު ވަކިވާން އެދުމުން ކޮމިޝަނުން އޭނާ ވަކިކޮށްދޭން ޖެހޭނެއެވެ.
އަދި ކުރިން އޮންނަގޮތުން އެމީހަކު ކުރިން ހުރި ޕާޓީއަށް ރުޖޫޢަށް ކޮށެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ