ޕާކިންގެ މައްސަލަ ހައްލުކުރަން ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށްގެން ކަންކަން ކުރަނީ

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށް ކުރެވެން ހުރިކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ދެއްވައިފިއެވެ.
މިނިސްޓަރ އަމީން މިފަދަ ޔަގީންކަމެއް ދެއްވީ މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އެންގި އެންގުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށް ކުރެވެން ހުރިކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.
ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ސިޓީ ކައުންސިލްގެ މައްޗައް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ , މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި، އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައި ވާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ