މަވޯޓާ ޝަރީފަށް މުއިއްޒު ވީ ވައުދަށް ކިޔާނާތްތެރިވެ, ދަރިފުޅު މިޒުނާ މެލޭޝިއާ އެމްބަސީގެ ވަޒީފާއިން ވަކިކޮށްފި, ކަޅުފައިސާއަށް އެމްޑީޕީން ޕީއެންސީއަށް ބަދަލުވި ހުރިހާ މެމްބަރުންނަށްވެސް މުއިއްޒު ދިނީ “ދޯކާ”!

19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސިޔާސީ ވިސްނުން ބަދަލުކޮށް ޕީއެންސީއަށް ސޮއި ކުރައްވަން ނިންމެވުމާއެކު, މެލޭޝިއާގެ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި އޭރު ހުންނެވި, މަވޯޓާ ޝަރީފްގެ ދަރިފުޅު މަރިޔަމް މިޒުނާގެ ޕޯސްޓިންގެ މުއްދަތު އިތުރުކޮށްދިންނަމަވެސް, މަވޯޓާ ޝަރީފަށް މުއިއްޒު ވީ ވައުދަށް ޚިޔާނާތްތެރިވެ, މިޒުނާ މެލޭޝިއާގެ އެމްބަސީގެ ވަޒީފާއިން ވަކިކޮށްފިއެވެ.
“ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި, މިޒުނާ މެލޭޝިއާ އެމްބަސީގެ ވަޒީފާއިން ވަކި ކުރުމާއެކު މިހާރު އޭނާވަނީ މެލޭޝިއާއިންވެސް ފުރާފައެވެ. އަދި އޭނާ ފޮރިން މިނިސްޓްރީގައިވެސް މަސައްކަތް ކުރަމުން ނުދާކަމަށް ވަނީ އެނގިފައެވެ.
އެމްބަސީތަކުގައި މަސައްކަތް ކުރަމުންދާ ސިޔާސީ މުވައްޒަފުން, ހިގަމުންދާ ރިޔާސީ ދައުރު ނިމުމާއެކު އެމަގާމްތަކުން އާންމު ގޮތެއްގައި ވަކި ކުރެއެވެ. އެހެންނަމަވެސް މިޒުނާގެ މަގާމުގެ މުއްދަތު މުއިއްޒުވަނީ ވެރިކަން ބަދަލުވެގެން ދިއުމަށްފަހުވެސް އިތުރު ކޮށްދީފައެވެ.
މިޒުނާއަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކޮށްފައިވަނީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މުއިއްޒުވަނީ ކަޅު ފައިސާގެ ބޭނުންކޮށް, 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރަކު ގަނެފައެވެ. މަވޯޓާ ޝަރީފްއަކީ އޭގެ ތެރެއިން އެއް މެމްބަރެކެވެ. އެހެންނަމަވެސް މަވޯޓާ ވޭތުވެދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކޮށްފައެއް ނުވެއެވެ.
ގަބޫލުރެވޭ ގޮތުގައި މުއިއްޒު މަވޯޓާއަށް ވީ ވައުދަށް ޚިޔާނާތްތެރި ވެފައިވަނީ, މަވޯޓާ މަޖިލިސް އިންތިޚާބުގައި ވާދަކޮށްފައި ނުވުމާއެކު, މުއިއްޒުއަށް މިވަގުތަމަށް މަވޯޓާގެ ފަރާތުން ސިޔާސީ މަންފާއެއް ހާސިލް ކުރެވެން ނެތުމުންނެވެ. ހަމަ އެބީދައިން މުއިއްޒުވަނީ އޭރު ޕީއެންސީއަށް ހިޖުރަކުރި ގިނަ މެމްބަރުންނަށްވެސް “ދޯކާ” ދީފައެވެ. އެގޮތުން ޕީއެންސީއާއި ގުޅުމުން އެ މެމްބަރުންނަށް ދޭން މުއިއްޒު ވައުދުވި ފައިސާވެސް ދޭން ވައުދުވި ގޮތަށް އަދާ ކޮށްފައެއް ނުވެއެވެ. އަދި ކޮންމެ މެމްބަރަކަށް 10 ސިޔާސީ ވަޒީފާ ދޭންވެސް މުއިއްޒު ވައުދުވި ނަމަވެސް, އެ ވައުދުވެސް މުއިއްޒު މެމްބަރުނަށް ފުއްދާދީފައެއް ނުވެއެވެ.
ރައީސް މުއިއްޒު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުތަކަށް, ވެރިކަން ލިބިވަޑައިގަތުމާއެކު ޚިޔާނާތްތެރިވެ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ, ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރައްޔިތުންނަށް ދައްކައިގެންނެވެ.
އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު މުއިއްޒުވަނީ އެ ވައުދަށްވެސް ޚިޔާނާތްތެރިވެ, ފަހުން ޝަރީއަތަށް އަތް ބާނުއްވައިގެން, ރައީސް ޔާމިންގެ ޝަރީއަތްތައްވެސް އަލުން ކުރިޔަށް ގެންދަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ