ކުވޭތުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސްގެ ދައުވަތު

ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް، ކުވޭތުގެ އިންވެސްޓަރުންނަށް ދަޢުވަތުދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުވޭތުގެ ވަލީޢަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ. ‎މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ޚާއްސަކޮށް ޞިއްޙީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ޙާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތުގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވިއެވެ.
‎މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ކުވޭތުގެ ވަލީޢަހްދު ވަނީ ދެ ޤައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ