އިބޫ ސަރުކާރު ދަރަނިވެރި ވާންޖެހުނީ ކީއްވެ!

ރައީސް ސޯލިހުގެ ސަރުކާރުން ގައުމު ދަރުވާލީއޭ ކިޔައިގެން އަނގަހުޅުވާ މީހުން ދައްކާ ވާހަކައިގައި އަސާސެއް ނެތެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އިރުވެސް ރާއްޖެއަކީ ފިސާރި ދަރަނި ބޮޑު ގައުމެކެވެ. 2013 އިން 2018 އަށް ރައީސް ޔާމީނު ވެރިކަން ކުރެއްވި އިރަކީ ދުނިޔޭގެ އިގްތިސޯދު އާދަޔާ ހިލާފަށް ރަނގަޅު ދުވަސް ވަރެކެވެ. ރައީސް ނަޝީދު ވެރިކަން ކުރެއްވި ދުވަސްވަރު އާޝިޔާން ގައުމުތަކަށް ކުރިމަތިވި މާލީ ކްރައިސިސްއިން އަރައިގަނެ އޭސިޔާގެ އިގްތިސޯދުވެސް ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން އިރު އޮތީ ރަގަޅު މަގުގައެވެ.
ރައީސް ޔާމީނުގެ ފާގަތި 5 
ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ބަޔަކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތީ ދުނިޔޭގެ އިގްތިސޯދު ހަމަ މަގުގައި އޮތުމުންނެވެ. އެހެން ކަމުން ރާއްޖޭގެ ފަޅުތަކާ ފަރުތަކާ ރަށްރަށުގައި އިންވެސްޓްކުރަން ގިނަ ބަޔަކު ޝައުގުވެރިވެ އެކަން ކުރިއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ރާއްޖޭގައި އެތައް ބަޔަކު އިންވެސްޓް ކުރިއެވެ. އެހެން ކަމުން ދައުލަތަށް ފައިސާ ވަނީ ފަތުއަޑު ކިޔާފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތް ހިނގުމަށް މެދުވެރިވީވެސް ރާއްޖޭގައި އިންވެސްޓް ކުރާން ބަޔަކު އިންތިހާ ދަރަޖައަށް ބޭނުންވެ އިންވެސްޓް ކުރުމުންނެވެ. އޭރު ރާއްޖޭގައި އެކުރެވުނު އިންވެސްޓްމަންޓްތަކުގެ ނަފާ އެންމެ ރަނގަޅަށް ދައުލަތަށް ނުކުރީ ފާޅުގައި ބަޔަކު ބޮޑެތި ހިޔާނާތްތަކެއް ވުމުންނެވެ. ދައްކަން މިއުޅެނީ އެހިޔާނާތުގެ ވާހަކައެއް ނޫނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތަށް ކިތަންމެ ފައިސާއެއް ވަދެފައި ވީނަމަވެސް އެވެރިކަމުގައި ހިންގި ބޮޑެތި ހުރިހާ މަޝްރޫއުތަކަކީ ލޯނެވެ. ސިނަމާލެ ބްރިޖާއި ރިންގް ރޯޑާއި ހުޅުމާލޭ ދެވަނަ ފޭހާއި ހިޔާޓަވަރުތަކާއި ހުޅުލޭ އެއަރޕޯޓާއި ދަރުމަވަންތަ ހޮސްޕީޓަލާއި ލާމު ލިންކްރޯޑާއި މިހެން ގޮސް ނަން ހުސްކޮށް ހިންގިއްޔާ ހިންގި ހެޔޮވަރުގެ ކޮންމެ މަޝްރޫއަކީ ލޯނެވެ. އޭގެ ތެރެއަށް ސަނީ ސައިޑް ބޮންޑް ވެސް އިތުރުކޮށްލަމާ ބަހީއެވެ. ބުނެވި ދިޔަ ހުރިހާ ލޯނެއް ރައީސް ސޯލިހު ވެރިކަމަށް ވާރުތަކުރިއެވެ. ރައީސް ސޯލިހުގެ ވެރިކަން ފައްޓަވަން ޖެހިވަޑައިގަތީ ސަނީސައިޑް ބޮންޑު ދެއްކުމުންނެވެ.
ކޮވިޑް19 އާއި ރައީސް ސޯލިހު
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކޮވިޑް19 ޕެންޑަމިކް މުޅި ދުނިޔެއަށް ފާވެއްޖެއެވެ. ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ ދަތުރުފަތުރު ހުއްޓިއްޖެއެވެ. ފަތުރުވެރިން އައުން ހުއްޓި ބާނާ މަސްކޮޅު ބޭރު ނުކުރެވި މަރުތަޅު އެޅިއްޖެއެވެ. ހުރިހާ ކަމަކަށްވުރެ ރައްޔިތުން ބަޑަށް ޖެހުނަ ނުދިނުމާއި ކޮވިޑް ޖެހިގެން މަރުވާ މީހުން މަދުކުރުމަށް ދައުލަތުގެ ހުރިހާ ހަކަތައެއް ހުސްކޮށްލަން ޖެހުނެވެ. ނުލިބޭ އާމްދަނީގައި ރައްޔިތުން ރައްކާތެރި ކުރުމަށް ސަރުކާރަށް މަޖުބޫރުވިއެވެ. 
އަނެއްކޮޅުން ދެއަހަރެއްހާ ދުވަސްވަންދެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުވެފައި އޮތް ނަމަވެސް ރާއްޖެއަކީ އެންމެ ފަހުން ބޯޑަރު ބަންދުކޮށް އެންމެ ކުރިން ބޯޑަރު ހުޅުވިއެއް ގައުމަށް ހެދުނީ ލައްކަ ބޮޑެތި ގުރުބާނީތައް ވެގެންނެވެ. ސަރުކާރުން ހުއްޓާނުލާ ވިސްނުންތެރިކަމާއެކު ކުރި މަސައްކަތުންނެވެ. ކޮވިޑްގެ ދަތި ހާލަތުގައިވެސް ކޮވިޑްގެ އަސަރުނެތް ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކުރުމަށް ހިންގަންފަށާފައިވާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ. އާމްދަނީ ނުލިބި ދައުލަތް ހިންގުމުގައި ދެއަހަރަށްވުރެ ގިނަދުވަސް ވީއިރު ސަރުކާރު ވަޒީފާއިން މީހަކު ނުކަނޑައެވެ. މުސާރައިން ލޯލާރިއެއްވެސް އުންޏެއް ނުކުރެއެވެ. ގޭގައި ބައިތިއްބައިގެން ސަރުކާރު މުއައްޒަފުންނަށް މުސާރަދިނެވެ. ދިރިއުޅުމަށް ކުރި މަސައްކަތް ހުއްޓާލަން ޖެހުނު މީހުންނަށާއި ވިޔަފާރިތަކަށް ސަޕޯޓް އެލަވަންސް ދިނެވެ. 
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިދުމަތުގައި ނިކުމެ އުޅެން ޖެހުނު މީހުނަށް އިރުކޮއްތާއި ރިސްކު އެލަވަންސް ދިނެވެ. ރަށުތެރޭގައި ގިނަވެގެން އުޅުނު ބިދޭސީ މަސައްކަތު މީހުނަށް ވަކި ފެސިލިޓީތައް ހަދައިގެން އެންމެން އެތަންތަނަށް ގެންގޮސްގެން ކެއުމާއި ބުއިމާއި އެކަމަޑޭޝަން ސަރުކާރުން ފޯރުކޮށްދިނެވެ. އެހާ ހިސާބަށް ކޮވިޑު ތެރޭގައި ކަންކަން ގޯސްވެގެން ދިޔައިރުވެސް އާއްމު ރައްޔިތުންނަށް އެކަހެރިވެލައިގެން އުޅުން ނޫން ތަކުލީފެއް ނުޖެހެއެވެ. ބޭނުން އެއްޗެއް ކާންބޯން ހެޔޮއަގުގައި ހުރިތާކަށް ފޯރުކޮށްދެއެވެ. މުޅި ދުނިޔޭންވެސް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ހައެއްކަ ގައުމުގެ ތެރޭގައި ރާއްޖެވީ ސަރުކާރަކުން ރަގަޅަށް ކަންތައްތަކެއް ކޮށްދެވިގެންނެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިނޫނީ ކޮބައިހެއްޔެވެ. 
އާއްމު ހާލަތަށް ކަންކަން ބަދަލުވުމުން ކޮވިޑްގެ ހާލަތު ހަނދާން ހުރި މީހަކު ނެތެވެ. ރައްޔިތުންނަށް ތަކުލީފެއް ނުޖައްސާ އާމްދަނީ ނުލިބި ދައުލަތެއް ދެއަހަރަށް ވުރެ ގިނަ ދުވަހު ހިންގުމަކީ ގައުމު ބަނގުރޫޓްވެ ރައްޔިތުންގެ އެތައް ބަޔަކު ބަނޑަށް ނުޖެހި ދާވަރުގެ ހާލަތެއް ނޫނެވެ. ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ބަރޯސާ ވެފައިވާ ރާއްޖޭގައި ރައްޔިތުން ހިތިބޭސް ބޯން ނުޖައްސާ ކޮވިޑުން އަރައިގަތް ގޮތާމެދު ޝުކުރުވެރިވުން ހައްގެވެ.
ރައްޔިތުންގެ ޑިމާންޑް
ދެމިގެން ދިޔަ ބޮޑު މުސީބާތަކުން މިންޖުވެ ހިންދަމާ ނުލެވިގެން އުޅުނަސް ރައްޔިތުން ސަރުކާރަށް ކުރާ ޑިމާންޑްތައް ކުޑައެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން  ލޯނު ނަގައިގެން ވިޔަސް ބޮންޑާއި ސްކޫކް ގަނެގެން ވިޔަސް ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދެވޭތޯ ބެލުމަކީ ސަރުކާރު ހިންގާ ބައެއްގެ ޒިންމާއެކެވެ. އެކުވެރި ގައުމުތަކުގެ އެހީތެރިކަން ނުހޯދާ ހިންދަމާލެވޭވަރުގެ ގައުމަކަށް ރާއްޖެ ނުވެއެވެ. އެހެން ކަމުން ލޯނާއި ހިލޭ އެހީގައި ރައީސް ސޯލިހު ސަރުކާރުން ކުރިކަމަކީ ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދެވޭތޯ ބެލުމެވެ.
ބޯހިޔާވަހިކަމާއި، ލަފާފުރުމާއި، ކަރަންޓާއި ފެނާއި ނަރުދަމާއާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ކޮންމެހެން ނުކޮށް ނުވާވަރުގެ ކަންކަމެވެ. މަގުހެދުމާއި މަގުތައް މަރާމާތު ކުރުމާއިި ފެން ހިންދުމުގެ ނިޒާމް ގާއިމުކުރުމެވެ. ސްކޫލް އިމާރާތް ކުރުމާއި ކްލާސްރޫމް އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމުގެ ކަންކަމެވެ. ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު އެޅުމާއި ބޮޑުކޮށް އަޕްގްރޭޑް ކުރުންފަދަ ކަންކަމެވެ. ކުޅޭބިންތައް އެޅުމާއި އެ ތަންތާނގެ ފެންވަރު މަތިކޮށްދިނުން ފަދަ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމެވެ.
ކުރީ ސަރުކާރުން އެކަންކަން ފަށައިގެން ގެންގޮސްފައި ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާއި ހެވާލާބަޔަށެވެ. އެކަންކަމަށް ރައްޔިތުން ނިހާޔަތަށް ބޭނުން ވެގެންނެވެ. އެހެން ކަމުން ރައީސް ސޯލިހު ގައުމު ދަރުވާލީއޭ ކިޔަން ދިވެހީން ލަދުގަންނަން ވާނެއެވެ. މިހުރިހާ ދުވަހު އެވާހަކަ ނުދައްކާ އދ ގެ އާއްމު ޖަލާސާގައި ކޮވިޑް19 ޕެންޑަމިކްގެ ވާހަކަ ދައްކަން މުއިއްޒު ލަދު ގަންނަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ