ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ބާސެލޯނާގެ ކެޕްޓަން އަދި ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ޓާ ސްޓެގަންގެ ކަކުލަށް ލިބުނު މި އަނިޔާއިން ރަނގަޅުވުމަށް ކުރި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށްވެސް ބާސެލޯނާއިން ވަނީ ބުނެފައެވެ.
ޓާ ސްޓެގަންގެ ކަނާތުފައިގެ ކަކުލަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ވިޔަރެއާލް އަތުން 1-5 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މެޗުގައެވެ. އޭނާގެ ކަކުލަށް އަނިޔާވީ، އެ މެޗުގެ ފުރަތަމަ ހާފުގައި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައެވެ. މި އަނިޔާއާ ގުޅިގެން އެ މެޗުގެ ފުރަތަމަ ހާފުގައި ޓާ ސްޓެގަން ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.
ޓާ ސްޓެގަންގެ އޮޕަރޭޝަނަށްފަހު ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް، އަނިޔާއިން ރަނގަޅުވާން މަދުވެގެން ހަތް މަސް ދުވަސް ނަގާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ބުނެފައެވެ. ބާސެލޯނާއިން ބުނީ އަނިޔާއިން ރަނގަޅުވެ، ޓާ ސްޓެގަންއަށް ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އެނގޭނީ ރިކަވަރީގެ ކަންތައްތައް ކުރިއަށްދާ ގޮތަށް ބެލުމަށްފަހުގައި ކަމަށެވެ.
މީގެ 10 ވަރަކަށް އަހަރު ކުރީން، 2014 ގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބަކުން ބާސެލޯނާއަށް ބަދަލުވެ، ޓާ ސްޓެގަން ވަނީ އެ ޓީމަށް 400 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.
މި ފަހަރުގެ ސީޒަނުގައި އައު ކޯޗު، ހަންސީ ފްލިކުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާ މިވަގުތު އޮތީ ސައްތައިން ސައްތައިގެ ރިކޯޑަކާއެކު ލީގުގެ އެއްވަނައިގައެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހަމަކޮށް، ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ