އެންމެ ފަހުން މަރެސްކާ ޗިލްވެލް އަށް ފުރުސަތު ދެނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކޯޗު ކަމާއި އެންޒޯ މަރެސްކާ ހަވާލުވުމަށްފަހު ޑިފެންޑަރ ބެން ޗިލްވެލް އަށް ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
މަރެސްކާ ވަނީ އިނގިރޭސި ލީގް ކަޕްގައި ބަރޯ އާއި ދެކޮޅަށް ޗެލްސީ މިއަދު ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުގައި ޗިލްވެލް ހިމަނާފަ އެވެ. ފުރަތަމަ ޓީމާއިއެކު މިހާރު ފަރިތަކުރަމުންދާ ޗިލްވެލް އަށް ފުރުސަތު ދޭން ނިންމުމާއި ގުޅޭގޮތުން މަރެސްކާ ބުނެފައިވަނީ ކްލަބުން އެކަމަށް ގޮތެއް ހޯދާފައިވާ ކަމަށެވެ.
މަރެސްކާ ޗެލްސީ އާއި ހަވާލުވުމަށްފަހު އެ ޓީމުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ޗިލްވެލް ވަނީ ހިމަނާފަ އެވެ. ނަމަވެސް ޓްރާންސްފަރ ބަންދުވިއިރު އޭނާ ގަންނާނެ ކްލަބެއް ނެތުމުން ވަނީ އެކަން ކާމިޔާބު ނުވެފައެވެ. 2022 ވަނަ އަހަރު ސްޕޭނުގެ މާކް ކުކުރެޔާ ޗެލްސީ އާއި ގުޅުނު ހިސާބުން ޗިލްވެލް އަށް ވަނީ ކުޅުމުގެ ފުރުސަތު ގެއްލެން ފަށާފައެވެ. އަދި ފާއިތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ކުޅެވިފައިވަނީ 13 މެޗުގަ އެވެ.
މަރެސްކާ ޗެލްސީ އާއި ހަވާލުވި ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައިވަނި ދެ މެޗުންނެވެ. އަދި އޭނާ ބުނެފައިވަނީ އެ ކްލަބް މިހާރު އޮތީ ރަގަޅު ފޯމެއްގައި ކަމަށާއި ނަމަވެސް މެންޗެސްޓަރ ސިޓީ އާއި އާސެނަލް އާއި ވާދަކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މަރެސްކާ އިތުރަށް ބުނެފައިވަނީ ލީގު ކަޕްގައި މިރޭ ކުޅޭ މެޗުގައި ޗެލްސީގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި އަދި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ނުދެވުނު ނަމަވެސް އެ ކުޅުންތެރިން ޓީމުގައި ހިމަނާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ