ޖެނެރަލް އެސެމްބްލީގައި ސްކާފް ނާޅާ ތަގުރީރު ކުރެއްވީ ހުޅަނގުގެ ގައުމުތަކަށް ބިރުން, މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވަން ސްކާފް އެޅުއްވީ ދެއްކުންތެރިކަމުގެ ގޮތުން, ބައިނަލްއަގުވާމީ ފޯރަމްތަކުގައިވެސް މުއިއްޒު ދައްކަވަނީ މުނާފިގު ކަމުގެ ސިފަ!

އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވިއިރު, ފަލަސްތީނަށް އޮތް ތާއީދު ދެއްކެއްވުމަށް, ފަލަސްތީނު ރަމްޒު ކޮށްދޭ ސްކާފް ނާޅުއްވާ ތަގުރީރު ކުރެއްވުމަށްފަހު, ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއައި ބައްދަލު ކުރެއްވުމަށް މުއިއްޒު ސްކާފް އެޅުއްވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެއެވެ.
ފަލަސްތީނުގެ ކުލައާއި އަދި ދިދަ އެކުލެވޭގޮތަށް, ފަަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ރަމްޒުކޮށްދޭ ސްކާފްއަކީ ފަލަސްތީނަށް އޮތް ތާއީދު ދެއްކުމަށް ބޭނުންކުރެވޭ ސްކާފެކެވެ. އަދި ވަކީން ޚާއްސަކޮށް އިސްލާމީ ގައުމުތަކުގެ ލީޑަރުން ބައިނަލްއަގުވާމީ ފޯރަމްތަކުގައި އެ ސްކާފް ބޭނުން ކުރަނީ އެގައުމު ތަކުން ފަލަސްތީނަށް ކުރާ ތާއީދުގެ ރަމްޒެއްގެ ގޮތުންނެވެ.
އެގޮތުން ވަކީން ޚާއްސަކޮށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވާއިރު ސްކާފް އަޅުއްވައެވެ. އެއީ އެގައުމުތަކުގެ ރައްޔިތުންނާއި ސަރުކާރުން ފަލަސްތީނާއެކުގައި ތިބިކަން ސާބިތު ކޮށްދިނުމަށްޓަކައެވެ.
އެހެންނަމަވެސް މުއިއްޒު މިހާރު ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, މިއަދު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރެއްވިއިރު, ފަލަސްތީނަށް އޮތް ތާއީދު ރަމްޒު ކޮށްދިނުމަށް ސްކާފް އެޅުއްވި ނަމަވެސް, ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވި އެތާއީދު ދެއްކެވުމަށް ސްކާފު އަޅުއްވާފައެއް ނުވެއެވެ.
މުއިއްޒު މި ދެ އިވެންޓުގައި ދެގޮތަށް އަމަލު ކުރެއްވުމުން މުއިއްޒުގެ އިޚްލާސްތެރިކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ގިނަ ބަޔަކު ސިފަކުރާ ގޮތުގައި, ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވިއިރު, މުއިއްޒު ފަލަސްތީނު ރަމްޒުކޮށްދޭ ސްކާފް އަޅުއްވާފައި ނުވަނީ, ހުޅަނގުގެ ގައުތަކުން ލިބިދާނެ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, ހުޅަނގުގެ ގައުމުތަކަށް ބިރުންނެވެ. އަދި މަހުމޫދު އައްބާސްއައި ބައްދަލުކުރެއްވިއިރު މުއިއްޒު ސްކާފް އެޅުއްވީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުންނެވެ.
މުއިއްޒު ފާހަގަ ވެގެން ގޮސްފައިވަނީ, ފަލަސްތީނާއި ގުޅުންހުރި ކަންކަމުގައި ދެފުށްދެގޮތް ސިޔާސަތު ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް, އަމަލާއި ބަހާއި ދިމާނުވެ, މުއިއްޒު ދައްކަވަމުން ގެންދަވަނީ މުނާފިގުކަމުގެ ސިފަކަމަށް ގިނަބަޔަކު މުއިއްޒުގެ އަމަލުތައް ސިފަކުރެއެވެ.
މުއިއްޒު މިއަދު ވަނީ މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވާފައެވެ. އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ އަރިމަތީގައި، މިއަދުގެ ވަގުތެއްގައި މަހުމޫދު އައްބާސްއައި ބައްދަލު ކުރެއްވުމަށްފަހު, ދެބޭފުޅުންވެސް ވަނީ ޢައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި މުއިއްޒު ވިދާޅުވެފައިވަނީ, ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި, ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމުގައެވެ. އަދި މަހުމޫދު އައްބާސް ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނަށް ރާއްޖެއިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ ބައިނަލްއަގުވާމީ އެހެން ފޯރަމްތައް ފަދައިން, ފަލަސްތީނުގެ ހައްގުތައި ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ މުއިއްޒު މުޠުލަގަށް ހެއްދެވި ބޮޑު ދޮގެއްކަން ހާމަވަނީ, މުއިއްޒުގެ ޚާރިޖީ ސިޔާސަތުތަކުންނެވެ. ފަލަސްތީނާއި ގުޅޭގޮތުން ބައިނަލްއަގުވާމީ ހުރިހާ ޕްލެޓްފޯމެއްގައިވެސް މުއިއްޒު ދައްކަވަމުން ގެންދަވަނީ މުނާފިގުކަމުގެ ސިފައެވެ.
މުއިއްޒު މަހުމޫދު އައްބާސްއާއި ބައްދަލު ކުރެއްވިއިރުވެސް, އިޒްރޭލުގެ ގާތިލުންނަށް މުއިއްޒު ވަނީ ރާއްޖޭގެ ބޯޑަރުތައް ތައްމިނަށް ހުޅުވާލާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމަށްފަހު, އިޒްރޭލުގެ އަނިޔާވެރި ސިފައިން އަދިވެސް ދަނީ ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއެކީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.
ހަމައެއާއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު، ރައީސް މުއިއްޒުގެ އަމުރަށް މަޖިލިހުގެ ކޮމިޓީގައި ޕާކް ކޮށްފައި އޮންނަތާ މިހާރުވަނީ 90 ދުވަސް ފާއިތުވެގެން ގޮސްފައެވެ. އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުއެވެ.
މީކާއިލް ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ 90 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް މީކާއީލް ނަސީމް މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މީކާއީލް ފާހަގަކުރައްވާފައިވަނީ، މި ބިލް 29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، އަދި 10 ޖޫން 2024 ވަނަ ދުވަހު މި ބިލް ބަލައިގަތުމަށް ފާސްވެސްކޮށް, ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައެވެ.
މީކާއިލް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށެވެ.
އެހެންނަމަވެސް މީކާއިލްގެ ސިޓީއަށް މަޖިލިސް ރައީސްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އޭގެ އިތުރަށް އިޒްރޭލުގެ ވިޔަފާރިތަކަށް ރާއްޖޭގައި މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ހިންގުމުގެ މުއިއްޒުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް, އިސްރާއީލުގެ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލި އަންހެން ކަނބަލުންތަކެއް މުއިއްޒުވަނީ ހިފާ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައިގެން ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މިނޫނީ މިހާތަނަށް ދިވެހިން ހިފާ ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ