ކަނޑުއޮތްގިރި ހުސްކުރަން ދިން މުއްދަތު މަހަކަށް އިތުރުކޮށްފި

ކަނޑުއޮތްގިރި ހުސްކުރަން ދިން މުއްދަތު އެމްއެންޑީއެފްއިން އިތުރުކޮށްފިއެވެ.
ކަނޑުއޮތްގިރި ހުސްކުރުމަށް ނިންމާފައިވަނީ ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ސަރުކާރުން މިދިޔަ އޯގަސްޓް މަހު ނިންމުމާ ގުޅިގެންނެވެ.
މިފްކޯއިން ވިދާޅުވީ ކަނޑުއޮތްގިރި ހުސްކުރުމަށް އެއެމްއެންޑީއެފްއިން ފުރަތަމަ މުއްދަތު ދިނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް އެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯއިން ވިދާޅުވީ، ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭ ބައެއް މުދާތައް އެތަނުގައި ހުރުމުން އެތަކެތި ނެގުމަށް ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކުރަންޖެހޭތީ އެމަސައްކަތަށް ލަސްތަކެއް އައިސްފައިވާކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން މުއްދަތު އިތުރު ކޮށްދިނުމުން އެ އެމަސައްކަތް މިހާރު ކުރިއަށް ގެންދެވޭ ގޮތް ވެފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.
‎ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންގެންދިޔަ މަސައްކަތްތައް ފެލިވަރަށް ބަދަލުކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ މަސައްކަތްތައް މިހަފްތާގައި ފެށޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.
‎މިފްކޯގެ ބައެއް އުފެއްދުންތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފެލިވަރުގައި އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަަލްކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 2 ރީފާ ކޮންޓެއިނަރ އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.
މިއީ 25 މެޓްރިކް ޓަނުގެ ގަނޑުކުރި މަހުގެ ބާވަތްތަކުގެ ސްޓޮކެއްކަމަށް މިފްކޯއިން ވިދާޅުވެއެވެ. މީގެ ސަބަބުން މާލެ ސަރަޙައްދުގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މެދުކެނޑުމެއްނެތި އާންމުންނަށް ގަނޑުކުރި ރޯމަހުގެ ބާވަތްތައް ލިބޭނެކަމަސްވެސް މިފްކޯއިން ވިދާޅުވެއެވެ.
ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ޚިދުމަތް ދެމުންނެވެ. އެގޮތުން ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ