ޑޭވިސް ކަޕްގެ ފައިނަލް ބުރުގެ ސްކޮޑުގައި ނަޑާލް ހިމަނައިފި

ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ ސްޕޭނުގެ ސްކޮޑުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ރަފައެލް ނަޑާލް އަށް ފުރުސަތު ދީފި އެވެ.
ސްޕޭންގެ ސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ކާލޮސް އަލްކަރޭޒް އާއި ރޮބާޓޯ ބައުޓިސްޓާ އާއި ޕަބްލޯ ކަރޭނޯގެ އިތުރުން މާސެލް ގްރެނޯލާސް އެވެ.
އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކުއާޓަރ ފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު, ނަޑާލް އެންމެ ފަހުން ވާދަކޮށްފައިވަނީ ނިމިގެންދިޔަ އޮލިމްޕިކްސް ގައެވެ. އެ މުބާރާތުގެ ދެވަނަ ބުރުން އޭނާ ކަޓާފައިވަނީ ނޯވަކް ޖޮކޮވިޗް އަތުން ބަލިވެގެންނެވެ.
އޭގެ ފަހުން ނަޑާލް ވަނީ މުބާރާތުގައި ވާދަކުރަން އެކަށީގެންވާ ފިޓްނަސް ނެތްކަމަށް ބުނެ ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތާއި ލޭވަރ ކަޕް ޓެނިސް މުބާރާތުން ވަކިވެފައެވެ.
އުމުރުން 38 އަހަރުގެ ނަޑާލް ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ރެކޯޑް އަދަދެއް ކަމުގައިވާ 14 ފަހަރު ވަނީ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު, ވިމްބަލްޑަން ދެ ފަހަރު, ޔޫއެސް އޯޕަން މުބާރާތް ހަތަރު ފަހަރު އަދި 2008 ވަނަ އަހަރުގެ ބެއިޖިންގ އޮލިމްޕިކްސް މުބާރާތުންވެސް ވަނީ ރަން މެޑަލް ހޯދާފަ އެވެ.
ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ކުރިން ފާހަގަކުރެވިފައިވާ ނަޑާލް ވަނީ ދިހަ ވަރަކަށް އަހަރު ދުނިޔޭގެ އެންމެ މޮޅު ފިރިހެން ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާއާއި އޭރު އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ރޮޖަރ ފެޑެރަރ އާއި ނޯވަކް ޖޮކޮވިޗް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ