ފްރައިޑްކިން ގްރޫޕުން އެވަޓަންގެ މެޖޯރިޓީ ހިއްސާ ގަންނަން އެއްބަސްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރާ ފަރްހާދް މޮޝީރީގެ %94 ހިއްސާ ގަތުމަށް ފްރައިޑްކިން ގްރޫޕުން އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ފްރައިޑްކިން ގްރޫޕުން އެވަޓަންގެ ބޮޑު ހިއްސާއެއް ގަތުމަށް އެއްބަސްވެފައިވާއިރު އެކަމަށް ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި އެފްއޭ އާއި ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ އިން ހުއްދަ ހޯދަން ޖެހޭނެ އެވެ. އެހެންކަމުން އެ ތިން ފަރާތުން ހުއްދަ ލިބުމާއިއެކު އެވަޓަންގެ ހިއްސާ ފްރައިޑްކިން އަށް ބަދަލު ކުރެވިގެންދާނެ އެވެ. މި ހުއްދަ ލިބުމާއިއެކު އެވަޓަން ވެގެންދާނީ ޕްރިމިއާ ލީގުގައި އެމެރިކާގެ މަހުޖަނުން ހިންގާ 10 ވަނަ ކްލަބަށެވެ.
ފޯބްސް އާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ފްރައިޑްކިން ގްރޫޕްގެ ޗެއަރމަން ޑެން ފްރައިޑްކިންގެ މިލްކިއްޔާތަކީ 5.7 ބިލިއަން ޕައުންޑެވެ. އަދި ފްރައިޑްކިން ގްރޫޕަކީ އިޓަލީގެ ރޯމާގެވެސް ވެރި ފަރާތެވެ.
އެވަޓަންގެ ހިއްސާ ގަނެ އެކްލަބުގެ ދަށަށް އެވަޓަން އައި ނަމަވެސް ރޯމާ އަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެކަމުން އެކްލަބަށްވެސް ކުރާނީ ފައިދާ ކަމަށް ފްރައިޑްކިން ގްރޫޕުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފްރައިޑްކިން ގްރޫޕުން އެވަޓަންގެ ބޮޑު ހިއްސާއެއް ގަންނަނީ 400 – 500 މިލިއަން ޕައުންޑާއި ދެމެދުގެ އަގަކަށެވެ.
2016 ވަނަ އަހަރު މޮޝީރީ އެވަޓަން އާއި ހަވާލުވުމަށްފަހު އޭނާ ވަނީ 750 މިލިއަން ޕައުންޑް އެ ކްލަބަށް ހަރަދުކޮށްފަ އެވެ. ނަމަވެސް ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާ ކްލަބް ގެންގުޅޭ ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ގަނެފައިވަނީ އެވަޓަންގެ %49.9 ހިއްސާ އެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރު އޭނާގެ ހިއްސާ%94.1 އަށް އިތުރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާއި ހިލާފުވެގެން މިދިޔަ ސީޒަނުގައި އެވަޓަން އިން ވަނީ ދެ ފަހަރެއްގެ މަތިން ޕޮއިންޓް އުނިކޮށްފަ އެވެ.
މޮޝީރީގެ ދަށުން އެވަޓަން އަށް މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނީ ރަޝިޔާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމާއި ގުޅިގެން އެވަޓަންގެ ސްޕޮންސަރ ކަމުގައިވާ ޔޫއެސްއެމް ހޯލްޑިންގެ ސްޕޮންސަރ ހުއްޓާލުމާއި ގުޅިގެންނެވެ. ޔޫއެސްއެމް ހޯލްޑިން އަކީ ރަޝިޔާގެ އަލީޝަރ އުސްމަނޯވް އާއި މޮޝީރީގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާއިރު ޔޫރަޕިއަން ޔޫނިއަން އިން ވަނީ އުސްމަނޯވްގެ ހުރިހާ މުދަލެއް ފްރީޒްކޮށްފަ އެވެ. އަދި އެކަމާއި ގުޅިގެން އެ ކުންފުނީގެ ޗެއަރމަން ކަމުން މޮޝީރީ ވަނީ އިސްތިއުފާވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ