ޑި ބްރޭނާ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ، އަނިޔާއިން ރަނގަޅުވެ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ މިހެން ބުނީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި 2-2 އިން އާސެނަލާ އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"އަހަރެންނަށް ހިއެއްނުވޭ ދެން މާގިނަ ދުވަހެއް ވާނެހެން،" އާސެނަލްއާ 2-2 އިން އެއްވަރުވި މެޗަށްފަހު ޑި ބްރޭނާގެ އަނިޔާއާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ޑި ބްރޭނާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު އިންޓަ މިލާނާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން ލީގުގައި މިދިޔަ އާދީއްތަ ދުވަހު ސިޓީން އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ގާޑިއޯލާ ބުނީ ޑި ބްރޭނާ އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އަންނާނެ ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، އަދި ލީގުގައި ކުރިއަށް އޮތް ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭ މެޗުގައި ކުޅޭނެކަން ނުވަތަ ނޫންކަންވެސް ބުނަން ނޭނގޭ ކަމަށެވެ.
އެކަމަކު މާގިނަ ދުވަސް ނުނަގާނެ ކަމަށާއި، އަދިވެސް ޑި ބްރޭނާގެ ފައިގައި ކޮންމެވެސް މިންވަރަކަށް ތަދު އެބަހުރި ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
ނިމިދިޔަ ސީޒަނުގައިވެސް ޑި ބްރޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހިފައެވެ. އެއަށްފަހު، އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއައި މެޗުގައި މިދިޔަ ޖަނުއަރީ މަހުގައި ސެއިންޓް ޖޭމްސް ޕާކްގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-3 ގެ ނަތީޖާއަކުން ސިޓީ މޮޅުވިއިރު، އޭނާ ވަނީ ލަނޑު ޖަހާފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ސިޓީ އޮތީ އެއްވަނައިގައެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރާ ލިވަޕޫލް ދެވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީ އަށް ދެން އޮތީ އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގައި މިރޭ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ވަޓްފޯޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. އެއަށްފަހު، ކުރިއަށް އޮތް ހަފުތާ ބަންދުގައި ލީގުގައި އެ ޓީމުން ރަށުން ބޭރުގައި ނުކުންނާނީ ނިއުކާސަލާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ