ފަތުރުވެރިކަން ތަރައްޤީކުރުމަށް ޗައިނާއިން ލިބޭ އެހީއަށް ރައީސްގެ ޝުކުރު!

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ މިއަދު ބައްދަލު ކުރައްވާފައިވާއިރު މި ބައްދަލުވުން ކުރިއަށްދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ޑިރެކްޓަރު ވަންގ ޔީ ވަނީ ދެ ޤައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ދިވެހިރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ