ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވާފައިވެއެވެ.
ޑިރެކްޓަރު ވަންގ ޔީ ވަނީ ދެ ޤައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ދިވެހިރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ