ނޭނގި ޕާޓީއަކަށް ވައްދައިފިނަމަ ވަގުތުން ވަކިވެވޭނެ ގޮތް ހަދައިފި

މީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވައްދައިފިނަމަ އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތް ހަދައި 'ސިޔާސީ ޕާޓީގެ ގަވާއިދު' އިސްލާހު ކޮށްފިއެވެ.
ސިޔާސީ ޕާޓީގެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިސްލާހު ގެނެސްފައިވަނީ،
އެ ގަވާއިދުގައި އޮންނަ "ޕާޓީން މެމްބަރުން ވަކިވުމާ ގުޅޭ" މާއްދާއަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ، ޕާޓީއެއްގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި
އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި
ރެޖިސްޓްރީކޮށްގެން ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަނަށް ހުށަހެޅުމުން ޕާޓީގެ
ދަފްތަރުން ވަގުތުން އުނިކޮށްދޭން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް
ބަދަލުކޮށްފައިވާ ނަމަ، ކުރީގަ އޮތް ޕާޓީއަށް ބަދަލުވުމަށް އިލެކްޝަނަށް
ހުށަހެޅުމުން، ނޭނގި ރެޖިސްޓްރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް ކުރިން
އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަ ކޮށްދޭން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި
ބުނެފައި ވެއެވެ.
ގަވާއިދުގައި ބުނާގޮތުން، ޕާޓީއަކުން މެމްބަރަކު ވަކިވާން އެދިއްޖެނަމަ، ލަސްވެގެން
14 ދުވަހުގެ ތެރޭގައި އެކަން ކޮށްދޭން ޖެހެއެވެ. އަދި އެ 14 ދުވަހުގެ ތެރޭގައި
ޕާޓީން ވަކިނުކޮށްދީފިނަމަ، އިލެކްޝަނަށް ހުށަހަޅައިގެން ވަކިވެވޭނެ ކަމަށް އެ
ގަވާއިދުގައި ވެއެވެ.
ކުރިން އެ ގަވާއިދު އޮންނަ ގޮތުން ނޭނގި ޕާޓީތަކަށް ވައްދާ މީހުން އެ
ޕާޓީއަކުން ވަކިކުރެވެނީ އެކަމާ ގުޅިގެން އިލެކްޝަނަށް ހުށަހަޅާ ޝަކުވާއަކީ ތެދު
ޝަކުވާއެއް ކަމަށް އެ ކޮމިޝަނަށް ފެނިއްޖެ ނަމައެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމަކީ އަބަދުވެސް ހިނގާ ކަމެކެވެ.
މި މައްސަލަ ބޮޑުވެގެން
އިލެކްޝަނުން ދަނީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކުރުމަށް ޕާޓީތަކުން
ހުށަހަޅާ މީހުންގެ މައުލޫމާތު ވެސް ހާމަކުރަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ