ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މަރުވި އަބްދުﷲ ރަޝީދު ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫން ހައްޔަރުކޮށްގެން ގެންދިޔަ އެ ރަށަށް ނިސްބަތްވާ އަބްދުﷲ ރަޝީދު، 43، އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ މެއަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ވަނީ މަރުވަފަ އެވެ.
ތަފްސީލު - ފުލުހުން މިއަދު މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ފޮނުވި ކުރު މެސެޖްގައި ބުނީ، "އަބްދުﷲ ރަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވޭ" ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުން ރޭ ބުނީ، މަރުގެ ސަބަބުތައް ދެނެގަތުމަށް އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސް، ތަހުގީގުކުރަން އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅުން ހުރި ކަމެއް - ހޯޑެއްދޫ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި އަބްދުﷲ ރަޝީދުގެ މި ކުއްލި މަރާ ގުޅިގެން އެ ޕާޓީން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ ޕާޓީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުންނެވެ.
އަބްދުﷲ ރަޝީދު ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުމެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ