ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި، ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު، ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންގައިފިއެވެ.
އެ ކޮމިޝަނުން މިފަދައިން އަންގާފައި މިވަނީ، ޕޯސްޓްމޯޓަމް ހެދުމަށް ބޭނުން ނުވާކަމަށާއި، އާއިލާ އާއި ރަޝީދުގެ ހަށިގަނޑު މިހާރުން މިހާރަށް ހަވާލުކުރުމަށް އާއިލާއިން އެދެމުންދާ ދަނޑިވަޅެއްގައެވެ.
އާއިލާގެ ފަރާތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ރަޝީދުގެ އަންހެނުން ވަނީ، ޕޯސްޓް މޯޓަމް ހަދައިފިނަމަ، ރަޝީދުގެ ހަށިގަނޑާއި އާއިލާއިން ހަވާލު ނުވާނެކަމަށްވެސް ބުނެފައެވެ. އާއިލާ އިން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލު ކޮށްދޭން އެދެމުން ބުނެފައި ވަނީ، ފުލުހުން އިހުމާލުވީ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމުގައި ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަކުން ފުލުހުންގެ އިހުމާލު ވަކިން ބޮޑަށް ހާމަވާނެ ގޮތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް ހަށިގަނޑު ވަޅުލައި ދިނުމަށް އާއިލާ އިން އެދޭކަމަށް އާއިލާގެ ފަރާތުން މީޑިއާ ތަކާއި ވާހަކަދައްކާ މެމްބަރުން ބުނެއެވެ.
މިކަމާ ގުޅިގެން އިންޓަގްރިޓީ ކޮމިޝަނުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނެއްގައި، ބުރާސްފަތި ދުވަހުގެރޭ ބުނެފައިވަނީ، އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް އެކޮމިޝަނުން ޖިނާއީ ތަހްގީގެއް ފަށާފައިވާ ކަމަށެވެ. މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށްވީ ނަމަވެސް، މައްސަލައިގައި ލީޑިން އިންވެސްޓިގޭޓަރެއްގެ ދައުރު އަދާކުރާނީ އިންޓަގްރިޓީ ކޮމިޝަނުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އިންޓަގްރިޓީ ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިތަހްގީގުގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ކޮމިޝަންގެ ތަހްގީގަށް އެހީތެރިވެދިނުން ކަމަށެވެ.
އަދި މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މުހިންމު ކަމަކަށްވާތީ، ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މަރުހޫމް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް މި ބަޔާނުގައި އަންގާފައިވެއެވެ.
އަބްދުﷲ ރަޝިދު، މަރުވި ސީދާ ސަބަބު މިހާތަނަށް އަދި ދެނެގަނެވިފައިނުވާއިރު، މި މައްސަލާގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާއި ގުޅިގެން އަޅަންވާ ފިޔަވަޅެއް އަޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވެއެވެ.
ތަހުޤީޤުގެ ބޭނުމަށް އަބްދުﷲ ރަޝީދުގެ ޕޯސްޓް-މޯޓަމް ހަދާނަން: އިންޓެގްރިޓީ ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ