ދެ އިންތިހާބު އެކުގައި ބާއްވަން އަދާލަތު ޕާޓިން ތާއީދުކޮށްފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ދާލަތު ޕާޓީން ރޭ ތާއީދުކޮށް އެ ގޮތަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަދާލަތުން ޕާޓީން ރޭ ދަންވަރު އެކްސްގައި ކުރި ކުރު ޕޯސްޓެއްގައިވާ ގޮތުން، އެގޮތަށް ނިންމީ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން އެވެ.
ތަފްސީލު - އަދާލަތުން ބުނި ގޮތުގައި އެގޮތަށް ނިންމީ "ގައުމާއި ރައްޔިތުންގެ މަސްލަހަތަށް" ރިއާޔަތްކޮށެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް ޕޯސްޓުގައި ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އެޕާޓީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ބަހެއް ވެސް ނުލިބެ އެވެ.
ގުޅުން ހުރި - ދެ އިންތިހާބު އެއްކޮށްލައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން މިދިޔަ މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިހުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފަ އެވެ. އެ އެކަމަކު އިސްލާހަށް އަމަލު ކުރެވޭނީ، ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައި ތާއީދު ލިބިގެންނެވެ.
އެ ވޯޓު ނަގާނީ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު އެވެ.
މި ވޯޓަށް ޕީއެންސީގެ ސްޓޭންޑަކީ ވެސް "އާނކޭ" ބުނުމެވެ. އެ ސްޓޭންޑަށް ވިޔަފާެރިވެރިޔާ ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީ އާއި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން ތާއީދު ކުރެ އެވެ. އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ސްޓޭންޑަކީ، މި ވޯޓަށް ނޫނެކޭ ބުނުމެވެ.
ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި، އެކަން ކުރަން އުޅެނީ ރައީސް މުހައްމަދު މުއިއްޒު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނަވަން ކުރައްވާ "ހީލަތްތެރި ރޭވުމެއް"ގެ ތެރެއިންނެވެ.
މި ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް އިއްޔެ ދުސްތޫރީ ދެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ބަންޑާރަނައިބު އޮފީހުން އިއްޔެ ބުނި ގޮތުގައި މިކަމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ