މަޝްވަރާއަށް ފުރުސަތު ދޭން ލުބުނާނާއި އިސްރާއީލުން ހަމަލާތައް މެދުކަނޑާލައިފި

ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން 10 ދުވަހަށް ހަމަލާ ދިނުން މެދުކަނޑާލަން ލުބުނާނާއި އިސްރާއީލުން އެއްބަސްވި އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ. އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ އެެމެރިކާ ގަޑިން ހަވީރު 5 (ރާއްޖެ ގަޑިން ރޭ ދަންވަރު 2) ޖެހިއިރުއެވެ. ދެ ގައުމުގެ ދެމެދުގައި ހިނގި ހަނގުރާމަ 10 ދުވަހަށް މެދުކަނޑާލަން ދެ ގައުމުން ވެސް އެއްބަސްވެފައިވާކަން އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓާލުމުގައި ހިޒްބުالله ހިމެނޭ ކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރާއި ލުބުނާނުގެ ރައީސް ⁠އަންނަ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ⁠އެމެރިކާގައި ބައްދަލުކުރުން އެކަށީގެންވާ ކަމަށް ވެސް ޓްރަމްްޕް ހާމަކުރެއްވިއެވެ. ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ފެށުމަށް ކައިރިވެފައިވަނިކޮށް ވެސް އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތައް ދިނެވެ. ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިދިޔަ ވަނީ 2،196 އަށް އަރާފައެވެ. އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު ލުބުނާނުގެ އާންމުން ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފަށާފައެވެ. އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 1.2 މިލިއަނަށްވުރެ ގިނަ މީހުންެގެ ގެދޮރު ވަނީ ގެއްލިފައި. ފޮޓޯ/ގެޓީ އަމިއްލަ ގެދޮަރަށް ދިއުމަށް ލުބުނާނުގެ ދެކުނަށް ދާ ހައިވޭތައް ވެސް އުޅަނދުތަކުން ފުރިފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ހިޒްބުالله އާއި އަމާލް މޫވްމަންޓުން ވަނީ ހާލަތު އިތުރަށް ހަމަޔަކަށް އެޅެންދެން އެނބުރި ގެދޮރަށް ނުދިއުމަށް ގޮވާލާފައެވެ. ހަމަލާތައް މެދުކަނޑާލުމުން ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި ގަތަރާއި ބަހްރެއިން އަދި އުރުދުން ވެސް ހިމެނެއެވެ. ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން އދ ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ އިސްރާއީލުން ކަންތައްތައް ވަރަށް ފަރުވާތެރިކަމާ އެކު ބަލަން ޖެހޭނެ ކަމަށާއި ނުރައްކާތެރިކަން އިހުސާސްކުރެވިއްޖެ ނަމަ ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ޑެނަން ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލު ކުރައްވާނެތޯ ކަނޑައަަޅަން އަދި މާ އަވަސް ކަމަށެވެ. އިސްރާއީލާއި ލުބުނާނާ ދެމެދު ހަނގުރާމަ މެދުކަނޑާލުމަކީ އީރާނާއި އެމެރިކާއާއި ދެމެދު އެއްބަސްވުމަކަށް އައުމުގެ "އުއްމީދީ" ނިޝާނެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. "އީރާނުން ސީރިއަސްކޮށް ބާރުއަޅަމުން އައީ ލުބުނާން ހިމެނޭ ގޮތަށް ސަރަހައްދުގެ އެހެން ހިސާބުތައް ވެސް ހިމެނޭ ގޮތަށް [އެމެރިކާއާއެކު] ހަނގުރާމަ ހުއްޓާލުމުގެ މައިގަނޑު ޑިމާންޑަށް،" އީރާންގެ ސެންޓާ ފޯ މީޑިއަލް އީސްޓް ސްޓްރެޓެޖިކް ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ އަބާސް އަސްލާނީ ވިދާޅުވިއެވެ. މިއީ އީރާނާއި އެމެރިކާއާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ހެޔޮ ބާރެއް އުފެދޭނެ ކަމެއް ކަމަށް އަސްލާނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ