ކާރުގައި ރޯކޮށްލުން: ދެ މީހުން ވެސް ތަންފީޒުކުރާނެ ހުކުމެއް ނެތް
ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ދައުލަތުން ދައުވާކުރި ދެ މީހުން، ޖަލަށްލާން ހުކުމްކޮށްފިއެވެ. ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލައަކީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ހާދިސާއެކެވެ. އެ ހާދިސާއާ ގުޅިގެން، ދައުލަތުން ދައުވާ ކުރީ، މ. އަރާރަތްކުރި، ހާލިދު މަހްމޫދު އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމްގެ މައްޗަށެވެ. އެ ދެ މީހުން ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްފައި ތިބިއިރު، އެ މީހުންގެ މައްޗަށް ހުކުމް އިއްވީ މިދިޔަ ހަފުތާގައެވެ. ހުކުމް އިއްވިއިރު، ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ތިބުމުން ދެން އެ މައްސަލައިގައި އެ ދެ މީހުން އިތުރަށް ތަންފީޒުކުރަން ޖެހޭ ޖަލު އަދަބެއް ނެތެވެ. ކާރުގައި ރޯކޮށްލި މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގައެވެ. ކާރުގެ އެހެން ހިސާބަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވާލައިފައެވެ. މި މައްސަލައިގެ ޝަރިއަތުގައި ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކީގެ އަލީގައެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖް ވެސް ހިމެނެއެވެ. މި މައްސަލައިގައި ހާލިދު މަހްމޫދުގެ މައްޗަށް އިއްވާފައިވަނީ ނުވަ މަހާއި 18 ދުވަހުގެ ހުކުމެކެވެ. އަދި، ހަސަން ނަސީމްގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރު ދުވަހުގެ ހުކުމެކެވެ. ހަސަން ނަސީމްގެ ހުކުމް ހާލިދުގެ ހުކުމަށްވުރެ އިތުރުވެފައިވަނީ ކުރިން އެހެން ކުށެއް ސާބިތުވެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ