މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސި ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައިވަނިކޮށް، ސަރަޙައްދީ މަސްލަޙަތާއި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އިވެޓް ކުޕަރ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން މި ކަން ކަށަވަރުކޮށްދީފައިވާއިރު، އެމެރިކާއިން އިސްވެ މެދުއިރުމަތީގެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް އިނގިރޭސިވިލާތާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) އިންކާރުކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގޯ ވިދާޅުވީ، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައި ވަނީ އީރާނާއެކު ވެފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށްފަހު ދެން އަޅާނެ ފިޔަވަޅުތަކުގެ މައްޗަށް ކަމުގައެވެ. އެޕްރީލު 8 ގައި ޕާކިސްތާނުން މެދުވެރިވެގެން ވެފައިވާ 14 ދުވަހުގެ މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހަށެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ވިޔަފާރި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށާއި، ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި އެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ހަނގުރާމައާ ގުޅިގެން ހުޅަނގު އޭޝިޔާގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޠާހިރު އަންދަރާބީ ވިދާޅުވީ، ދެ ފަރާތުގެ މެދުގައި "ސީރިއަސް އަދި ބިނާކުރަނިވި" ވާހަކަތަކެއް ކުރިއަށްދާ ކަމަށާއި، އެންމެ މުހިންމުކަމެއްގެ ގޮތުން އަލިއަޅުވައިލާފައި ވަނީ އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ މައްޗަށް ކަމުގައެވެ. މަޝްވަރާތަކުގައި އެދެވޭ ބޮޑު ކުރިއެރުމެއް ލިބިފައިނެތް ނަމަވެސް، ދެ ފަރާތުންވެސް ވާހަކަ ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ޙައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހާރު ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. ހަމައެއާއެކު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރުވެސް މިހާރު ހުންނެވީ އީރާނުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ތެހްރާންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ