ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިހާރު ތުރުކީވިލާތުގެ އިސްތަންބުލުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ 152ވަނަ އެސެމްބްލީގައި ތަޤްރީރު ކުރައްވަމުންނެވެ.
އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫއަކީ، "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މިއެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލު ކުރުމުގެ ތެރެއިން ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތަކަށް ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި އަދި ބަޖެޓުތައް ބަދަލު ކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޞުލްޙައާއި، މަޝްވަރާއާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރު ކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރު ކޮށްދިނުމަށްޓަކައި، ވަރުގަދަ ދީމިޤްރާޠީ މުއައްސަސާތަކެއް އޮތުމާއި، ޒިންމާދާރު ވެރިން ޤާއިމު ކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމުގެ އިތުރުން ޤާނޫނުގެ ސިޔާދަތު ދެމެހެއްޓުން މުހިންމު ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ޤާނޫނު ހެދުމުގެ މަރުޙަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށާއި، މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފު ކުރެވުނު 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ޙަމަލާތައް ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް އިޙްތިރާމް ކުރުމަށާއި، ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލެއްވީ، ޞުލްޙަވެރި، އިންޞާފުވެރި އަދި އުންމީދީ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
"ހަނގުރާމައާއި ނުތަނަވަސްކަމާ ތަފާތުކުރުންތަކަށް ޙައްލު ހޯދުމުގައި މަޖިލީހުގެ ޒިންމާ ބޮޑު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ