ތަކަންދޫގައި ބެހެއްޓި އައު ޖެންސެޓް ބޭނުންކުރަން ފަށައިފި

ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުންވެސް އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުޑަ ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން، ތިލަދުންމަތީ އުތުރުބުރި ތަކަންދޫގައި މިހާރުވަނީ އައު ޖެންސެޓެއް އިންސްޓޯލް ކުރުމަށްފަހު ބޭނުންކުރަން ފަށާފައެވެ. ތަކަންދޫގައި އިތުރުވަމުން އަންނަ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑުވެސް އަންނަނީ، އިތުރުވަމުންނެވެ. އެރަށުގައި އިންސްޓޯލް ކުރި އައު ޖެންސެޓާއެކު އެރަށުގެ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.
ތަކަންދޫއަށް ގެނައި 250 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ތަކަންދޫ ބްރާންޗުގެ މެނޭޖަރ އަބްދުﷲ ރަޝީދު ވިދާޅުވީ، ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުން ކުރުމަކީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ، މިމަހުގެ 2ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ