ރާއްޖޭގެ ކުރީގެ ރައީސުންގެ ކެބިނެޓްގައި ތިއްބެވި ވަޒީރުން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަމުން ދިޔައިރު ވެސް ވަކިކުރަން ނުކެރުނު ކަމަށާއި އެއާ ހިލާފަށް ރައީސް މުހައްމަދު މުއިއްޒަކީ ނިންމުންތައް ނިންމުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ނާކާމިޔާބުވުމުން ކެބިނެޓްގެ 10 މިނިސްޓަރަކު އެއްފަހަރާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒު ވަނީ އާ ހަތަރު ބޭފުޅަކާ އެކު ކެބިނެޓް އަލުން އެކުލަވާލައްވައިފަ އެވެ. އިސްތިއުފާ ދެއްވަން އެންގެވި މިނިސްޓަރުންގެ ތެރޭގައި ޝިޔާމެއް ނުހިމެނެ އެވެ. އެކަމަކު އަލުން ހުވާކުރެއްވީ އޭނާ ކުރިން ހުންނެވި މިނިސްޓްރީގެ ޒިންމާތަކަށް ބަދަލު ގެނެސްފަ އެވެ.
ހއ. މުރައިދޫގެ ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ގޮނޑިތައް ޕީއެންސީއަށް ލިބުން ފާހަގަކުރަން ރޭ މާލޭގައި ހަރުގެ ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި ޝިޔާމް ވާހަކަ ދެއްކެވި އެވެ.
ތަފްސީލު - ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ އެ ޕާޓީއަށް އިންތިހާބުގައި ލިބުނީ 'ބީ ރިޕޯޓެއް' ކަމަށާއި އެއީ ކުރިން ވެރިކަމުގައ ތިބެ އެއްވެސް ޕާޓީއަކަށް ހޯދުނު ވަރުގެ ކާމިޔާބެއް ވެސް ނޫން ކަމަށެވެ.
"މޮޅުވީތޯ މިއީވެސް ކުރާ ސުވާލެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިފަހަރު ލިބުނީ ބީ ރިޕޯޓެކޭ. ވެރިކަމުގައި ތިބެގެން ބީ ރިޕޯޓެއް ކައުންސިލް އިންތިހާބުގައި ހޯދީ ކޮން ބައެއްތޯ އަޑު އައްސަވާ ބޭފުޅުން ބައްލަވާ،" ޝިޔާމް ވިދާޅުވި އެވެ.
އެއާ އެކު އޭނާ ވިދާޅުވީ:
ބީ ރިޕޯޓަކީ ޕީއެންސީން ގަބޫލުކުރާނެ ރިޕޯޓެއް ނޫން؛ އެ ޕާޓީ އާއި ރައީސް މުއިއްޒު ވެސް ބޭނުންފުޅު ވަނީ އޭ ރިިޕޯޓެއް ހޯދަން
އެހެންވެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، ރައްޔިތުން އިއްވި ބަސް ރައީސް އަޑުއެއްސެވި ކަމަށް
އެ ވަގުތުން ފެށިގެން އިސްލާހީ ފިޔަވަޅުތައް ރައީސް ފެއްޓެވި
"މިއީ ނޫންތޯ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރަކީ؟ އަޅުގަނޑުމެން މިދިޔަ ސަރުކާރުގައި ދުށިން ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރީމާ ވެސް ވަޒީރަކު ވަކިކުރަން ނުކެރިގެން އުޅުނީ. ބަލަދު އަރާފައި ތިބީ. ވަތްގަނޑު ހުސްކުރިއިރު ވެސް ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާ [ސޯލިހަށް] ހުރިހާ ވަޒީރުންގެ ބަލަދު އަރައިގެން ވެރިކަން ހިންގިތަން އަޅުގަނޑުމެން [ދުށީ]،" އެމްޑީޕީ ސަރުކާރުގެ ވަކި ވަޒީރެއްގެ ނަން ނުގެންނަވައި، ޝިޔާމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި:
ވޭތުވެދިޔަ ތިން ކައުންސިލް އިންތިހާބަށް ބެލި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ގިނަ މީހުން ވޯޓުލާން ނުކުތް؛ އެކަމުން ދައްކުވައިދެނީ، ރައްޔިތުން މި ނިޒާމަށް ކުރާ އިތުބާރާއި ރައީސް މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް 'އަތް ނުބާނާނެކަން'
ސުޕްރީމް ކޯޓުން މި ފަހުން އިއްވި ހުކުމާ އެކު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުނު؛ އެ ހުކުމް ވެސް ދައްކުވައިދެނީ، "ނިޒާމަށް އޮތް އިތުބާރު" ކަމަށް
"[މަޖިލީހުގައި ޕީއެންސީގެ] 75 މެންބަރުން އެބަ ތިބި، ސުޕްރީމް ކޯޓުގެ ފަޑިޔާރުން ހަމަ މިހެން މިހެން ބޭނޭނެ ނޫންތޯ. މި ދެންނެވީ، ވަކިކުރެވޭނެ ނޫންތޯ. އެވަރުގެ ސުޕަ މެޖޯރިޓީއެއް މިއޮތީ،" އަތުގެ އިށާރާތުން ދޮށިން މާސް ބާނާ ގޮތަށް ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސުޕްރީމްނކޯޓުގެ އެ ހުކުމަށް ނުފޫޒު ފޯރުވަން ފަނޑިޔާރުން ވަކިކުރުމުގެ ބާރު ޕިއެންސީއަށް އޮތް ކަމަށް ޝިޔާމް ވިދާޅުވިއިރު، މީގެ ކުރިން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން ވަނީ އެކަން ކޮށްފަ އެވެ. އެގޮތުން:
ޕާޓީން މެންބަރު ކަނޑާލުމުން ނުވަތަ އަމިއްލައަށް ވަކިވުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ކުރީކޮޅު ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެން އޮތް ޝަރީއަތުގެ އަޑުއެހުމުގެ ކުރިން ސަރުކާރު ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި
އޭގެ ފަހުން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި؛ އެ ފަނޑިޔާރުން ވެސް ތުުހުމަތުކުރާ ގޮތުގައި އެއީ އިންސާފުން ބޭރުން އެޅި ފިޔަވަޅެއް
ފިޔަވަޅު އެޅުމުގައި ރައީސް މުއިއްޒު ފަަހަތަކަށް ނުޖެހޭނެ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ