އިންތިހާބާއި ވޯޓު ލުމަކީ ޑިމޮކްރެސީއެއްގެ އެންމެ އަސާސީ ހައްގެވެ. މިދިޔަ އެތައް ހަފުތާއެއްގައި ރާއްޖޭގައި ވެސް އޮތީ އެ ކަމެވެ. އެކި ހިނގާލުންތަކާއި، ކެމްޕެއިން ޖަލްސާތަކާއި ފޯރިގަދަ އެއްވުންތަކުން އަހަރުމެންނަށް ފެންނަން ހުރި ކަންކަމަށް ބަލާފައި ވޯޓު ދީ ނިންމައިފީމެވެ. އެކަމަކު ވޯޓު ގުނައި ނިމިގެން ބާރުތައް ހަވާލުކުރާ ހިސާބުން ނިމުނީއެއް ނޫނެވެ. ޑިމޮކްރެސީއަކީ ވޯޓު ފޮއްޓާއި ވޯޓު ކަރުދާސްތައް ގުނައި ނިމުމުން ނިމޭ ގޮތަށް އޮންނަ ނިޒާމެއް ނޫނެވެ.
އޭގެ ފަހުގައި، ބާރުތަކާ ހަވާލުވާ މީހުން އަހަރުމެން އާންމު ރައްޔިތުންނަށް ޖަވާބުދާރީވުން އޮވެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ މި ޖަވާބުދާރީ ކުރުވުމުގެ މައިބަދަ އެވެ. އިންތިހާބީ ވެރިން ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ވަޒަންކުރެވެން އޮންނަ މައި ކައްޓާއަކީ މައުލޫމާތެވެ. ރާއްޖޭގައި ވެސް އެ ކަން އޮތީ އެހެނެވެ. ގާނޫނުއަސާސީން މި ހައްގު ކަށަވަރުކޮށްދީ، ގާނޫނަކުން މި ހައްގު ފޯރުކޮށްދޭން ޖެހޭނެ ގޮތް ވެސް އޮތީ ތަފްސީލްކޮށްދީފަ އެވެ.
އެހެން ނަމަވެސް ކަން ހިނގަމުން ގޮސްފައި ވަނީ އެހެނެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ދިނުމަށް އަހަންމިއްޔަތުކަމެއް ނުދެ އެވެ. ވީހާވެސް ބޮޑަކަށް ފެންނަމުން ދަނީ ޖަވާބު ދިނުން ލަސްކުރުމާއި، ފުރިހަމައަށް މައުލޫމާތު ދިނުމުގެ ބަދަލުގައި ޖަވާބުތައް ކުރުކޮށްފައި ދޭން އުޅޭ ތަނެވެ. ހަގީގަތް ވަޅުލައި ފޮރުވާން އުޅޭ ތަނެވެ. ސިއްރުން ދައުލަތް ހިންގަން އާދަވެފައިވާ ރާއްޖޭގައި މި ސަގާފަތް ރަނގަޅަށް ހަރުލައިފި އެވެ.
މި މަންޒަރު އެންމެ ކައިރިން މި ވަގުތު ފެންނާނެ އެއް ބޭފުޅަކީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ. އަންނަ ސެޕްޓެމްބަރު މަހު އޭނާގެ ދައުރު ހަމަވެގެންދާއިރު، 'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މި ހަފުތާގެ އެޕިސޮޑްގައި ބައިވެރިވެވަޑައިގެން އާހިދުގެ ތަޖުރިބާއާއި ހޯދުންތައް ހިއްސާކުރެއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ އާހިދު ހަވާލުވެވަޑައިގަތީއްސުރެން ފާހަގަވަމުން ދިޔަ ކަމަކީ އެއްވެސް ވަރަކަށް މައުލޫމާތު ހޯދުމަށް އެދި އިދާރާތަކަށް ލިބޭ ހުށަހެޅުންތަކަށް އަޅާނުލާ ތަނެވެ. އެއްވެސް ޖަވާބެއް ނުދެނީ އެވެ.
"ޖަވާބު ފުރިހަމަތޯ ނޫނީ ދެވޭ ޖަވާބު ގޯސްތޯ؟ މިއެއް ނޫން. ހަމަ އެއްވެސް ވަރަކަށް އަޅާ ނުލަނީ،" މައުލޫމާތު ހޯދުމާއި ލިބިގަތުގެ ހައްގު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އޮތް ހާލަތު ކިޔައިދެއްވަމުން އާހިދު ވިދާޅުވި އެވެ.
މި ކަން ދިރާސާގެ އަލީގައި ފެނިފައި އޮންނަން ޖެހޭނެކަން އާހިދު ގަބޫލުކުރައްވަ އެވެ. އަދި ރާއްޖޭގެ ހާލަތު ދިރާސާއާއި ހެކީގެ އަލީގައި އެނގެން އެބަ ޖެހެ އެވެ. އެހެންވެ ބައިނަލްއަގުވާމީ ފެންވަރުގައި މި ކަން ދެނެގަތުމަށް ގެންގުޅޭ މިންގަނޑުގެ އެސެސްމަންޓެއް އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ން ހިންގި އެވެ.
އާހިދު ފާހަގަކުރެއްވި ގޮތުގައި އެ ކަން ކުރި ގޮތަކީ:
ރޭންޑަމް ސާމްޕަލްސްގެ ގޮތުގައި ދައުލަތުގެ 30 އިދާރާއެއް މޮނިޓާކޮށްގެން
މޮނިޓާކުރުމަށް ކުރި ކަމަކީ، އައިކޮމުން ކަން ނޭނގޭ ގޮތަށް އެ އިދާރާތަކަށް
މިންގަނޑު ކަނޑައެޅީ ޓްރެފިކް ލައިޓްސް ސިސްޓަމުން (ރަތް އެއީ އެންމެ ގޯސް، ރީނދޫ އެއީ މެދުމިނެއް، އަދި ފެހި އެއީ ރަނގަޅު)
"ރާއްޖެ އިނީ ޔެލޯގަ [ރީނދޫ ކުލަ]. މެދުގަ. މޮޑެރޭޓް ލެވެލްގަ. [އެކަމަކު] މެދަށް ވުރެ ތަންކޮޅަށް ކުރިއަށް ޖެހިލާފައި. ސުމަކާއި އެކަކާ ދެމެދުން ރޭޓު ދޭ ކަމަށްވަންޏާ 0.6، އެހާކަށް ހިސާބުގައި،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެސެސްމަންޓުން ވެސް ނަތީޖާގެ ގޮތުގައި ފެނުނު ކަމަކީ މައުލޫމާތު ދޭން ހުށަހަޅާ ހުށަހެޅުންތަކަށް އަޅާނުލާ ތަނެވެ. އެ ގޮތުން:
އައިކޮމުން ފޮނުވި ހުށަހެޅުންތަކަށް ޖަވާބެއް ދިނީ %38
ޖަވާބު ދިން ތަންތަނުގެ ތެރެއިން ވެސް އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނީ، ޖަވާބު ދިން ތަންތަނުގެ %45
އައިކޮމަށް ހުށަހެޅޭ ގިނަ ޝަކުވާތަކަކީ ވެސް ޖަވާބެއް ނުލިބިގެން އަންނަ ޝަކުވާތެކެވެ. އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 600 ޝަކުވާ އައިކޮމަށް ލިބެ އެވެ. އާހިދު ވިދާޅުވި ގޮތުގައި %90 އަކީ ޖަވާބެއް ނުދީ އެއްވެސް ވަރަކަށް އަޅާނުލައިގެން ހުށަހަޅާފައިވާ ޝަކުވާތެކެވެ.
"ހަގީގަތުގައި ގަސްތުގައި މައުލޫމާތު ނުދޭން [ނިޒާމު] ބޭނުންކުރުމުގެ އިތުރުން މި ކަމާ އަޅާނުލާ ތިބޭ ތަން. އަހަންމިއްޔަތުކަން ނުދެނީ،" އާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަކީ، އާހިދު ފާހަގަކުރެއްވި ގޮތުގައި، މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ހަރުދަނާ އެއް ގާނޫނީ އޮނިގަނޑެވެ. ގާނޫނުގައި ހުރީ މަނާތަކެއް ތަފްސީލްކުރުން ފަދަ ބަދަލުކުރަން ވަރަށް މަދު ކަންކަމެވެ.
ހަގީގަތުގައި ދިމާވެގެން އުޅެނީ ގާނޫނުގައި ހުރި އުނިކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސަގާފަތުގެ މައްސަލައެކެވެ.
"އަސްލުގައި މި ދައްކަނީ ސަގާފަތެއް ބަދަލުކުރުމުގެ ވާހަކަ. ދައުލަތް މި ހިންގަނީ ސިއްރިއްޔާތުން. ސިއްރު ކަންތައް މި ކުރަނީ. މި ކަންކަމަކީ އެންމެނަށް އެނގެން ޖެހޭ ކަންކަމެއް ނޫނޭ، މިހެން ދެކޭ ދެކުން،" އާހިދު ވިދާޅުވި އެވެ.
އިދާރާތުގެ ވެރިންނާއި އިދާރާތަކުގައި މަސައްކަތްކުރާ ވެރިންނަށް ވެސް ހީވެފައި އޮންނަ ކަމަކީ އެ ތަނެއްގައި ހުންނަ މައުލޫމާތަކީ އަ ތަނެއްގެ މިލްކެކެވެ. އޭގެ ވެރިފަރާތަކީ އެ އިދާރާއެކެވެ. އެ އިދާރާގެ އެއްޗެއް ގޮތުގައި ދެކޭ ދެކުމެކެވެ.
"މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު އައުމާއެކު މި ބުނާ އެއްޗަކީ ދައުލަތުގައި ހުރި މައުލޫމާތަކީ ރައްޔިތުންގެ ހައްގެކޭ، ރައްޔިތުންގެ އެއްޗެކޭ މިއީ. ދައުލަތުން މި ކޮށްދޭ ކަމަކީ ރައްޔިތުންނަށް މި މައުލޫމާތު ބަލަހައްޓައިދީ ރައްކާތެރިކުރުން،" އާހިދު ވިދާޅުވި އެވެ.
ވޮޑްކާސްޓްގައި 'ދައުރު'ގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް ފާހަގަކުރެއްވީ ދާދި ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކައެކެވެ. ވަރަށް ގިނަ ބަޔަކު މައުލޫމާތަށް އެދެނީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކަމެވެ.
އެ ވިސްނުމަށް އާހިދު ރައްދު ދެއްވީ އެހެން ހައްގުތަކުގެ މިސާލުންނެވެ.
"މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް. ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ބަލައިގެންފައިވާ ހައްގެއް. އަހަރުމެން ދުވަހަކު ވެސް އަޑުއެހިންތަ ކުއްޖަކު ސްކޫލަށް ކިޔަވަން ދަނީ ޖެއްސުމަށޭ. ހޮސްޕިޓަލަށް ބަލިވެގެން ދަނީ ޖެއްސުމަށޭ. ނޫނީ ބާތިލް ވޯޓު އަޅަނީ ޖެއްސުމަށޭ؟" އާހިދު ވިދާޅުވި އެވެ.
އާހިދަށް ވެސް އަޑުއަހަން ޖެހިފައި އޮންނަ އެއް ވާހަކައަކީ މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދާރާތަކުގެ ވެރިން ދައްކާ ވާހަކަ އެވެ. އިދާރާތަކުގައި ކުރަން ޖެހޭ އެހެން މަސައްކަތްތަކަށް މި ކަމުގެ ސަބަބުން ބުރޫއަރާ ކަހަލަ މޭރުމަކުން ދެކެވޭ ވާހަކަތަކެވެ. އެ ވިސްނުމަށް ވެސް އާހިދު ރައްދު ދެއްވީ އިދާރާތަކުން ކޮންމެހެން ކުރަން ޖެހިގެން ކުރާ އެހެން މަސައްކަތްތަކުގެ މިސާލުންނެވެ.
"ދުވަހަކު ވެސް ބަޔަކު ބުނިބާ ތިމަންނަމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުއްޓާލާފައި ސްޓާފުންނަށް މުސާރަ ދޭން ޖެހިގެންނޭ މި އުޅެނީ. ދުވަހަކު ވެސް ނާހާ. ނުވެސް ވިސްނާނެ އަހަން. އެކަމަކު އެއީ ވެސް ހާދަ އުނދަގޫ ކަމެކޭ. ހާދަ މަސައްކަތަކުން ކުރާ ކަމެކޭ. ކޮންމެ މުވައްޒަފެއްގެ މަސައްކަތް ވަކިން ބަލަން ޖެހޭ. ހާޒިރުވީ ކިތައް ދުވަހުކަން، ގަޑިޖެހިގެންތޯ، މިފަދަ ކިތަންމެ ކަމެއް ބަލައިގެން އެ ކަން މި ކުރަނީ،" އާހިދު ވިދާޅުވި އެވެ.
މުސާރައިގެ އޮނިގަނޑާއި މުސާރަ ހިސާބުކުރުމުގެ މަސައްކަތް ވެސް ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން އޮތީ ހަމަޖައްސައިފަ އެވެ.
"ސާވިސް ޑެލިވަރީގެ އިޝޫއެއް މި އުޅެނީ. މުސާރަ ދޭން ވެސް ނިޒާމެއް ހެދި ގޮތަށް މި ކަން ކުރަން ވެސް އިމްޕްލެމެންޓޭޝަން އުސޫލުތަކެއް ހަދާށޭ. ރައީސް އޮފީހުން ވިޔަސް، ބަންޑާރަ ނައިބު އޮފީހުން ވެސް މި ކަމަށް ޕްލޭނެއް ހަދައި، އޭގެ ތެރެއިން އިދާރާތަކުގެ އޮނިގަނޑުގެ ތެރެއަށް މި ކަން ކުރެވޭނެ ނިޒާމެއް ވެސް ވައްދާށޭ،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތުގެ ހައްގުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އަދި ކުރިމަތިވަމުން އަންނަނީ ވެސް ސަރުކާރު ކުންފުނިތަކުގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކާ އެކު ސަރުކާރު ކުންފުނިތައް ވެސް މި ގާނޫނުގެ ތެރެއަށް އަންނަ ކަމުގެ ބަހުސް ނިމުނު ނަމަވެސް، އަދިވެސް ގާނޫނުން އެކި ބާގަނޑު ހޯދައިގެން މައުލޫމާތު ސިއްރުކުރުމަށް މަސައްކަތްކުރެ އެވެ.
އެ ގޮތުން ސަރުކާރުން މި ކުރާ ކަމަކީ ވިޔަފާރިތަކާއެކު ހަދާ އެއްބަސްވުންތަކާއި ކޮންޓްރެކްޓްތަކުގައި އޭގެ މާއްދާތައް ސިއްރުކުރަންޖެހޭނެ ކަމަށް އެއްބަސްވާ މާއްދާއެއް ހިމެނުމެވެ. ނަމަވެސް އެއީ ގާނޫނު ގަބޫލުކުރާ ކަމެއް ނޫން ކަމަށް އާހިދު ވިދާޅުވި އެވެ.
"ގާނޫނުގައި ވެސް ބަޔާންކުރޭ އެފަދަ އެއްބަސްވުމެއް އޮވެއްޖެއްޔާ ދެން ވާންވީ ގޮތް ވެސް. އަދި އިތުރު ޝަރުތުތަކެއް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރީގެ މަސްލަހަތުގައި ސިއްރުކުރެވޭނީ:
ވިޔަފާރީގެ ސިއްރުގެ ގޮތުގައި ބަލައިގެންފައިވާ ކަންކަން؛ މިއީ ވެސް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ މައުލޫމާތަކަށް ވާން ޖެހޭ
ތިންވަނަ ފަރާތަކަށް މާލީ ގޮތުން ލިބިދޭ ގެއްލުމެއް އޮވެއްޖެނަމަ؛ އެއީ ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވާން ޖެހޭ
އާހިދު ވިދާޅުވީ އެއްބަސްވުމުގައި ހިމެނޭ އާންމު މާއްދާތަކަކީ ވިޔަފާރި ސިއްރެއް ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ވިޔަފާރި ސިއްރުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި މިސާލަކީ ކޯކަކޯލާގެ ރެސިޕީ އެވެ. އަދި ތިންވަނަ ފަރާތުން ފޯރުކޮށްދޭ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އެ ގޮތަށް ބެލިދާނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް ބްރިޖް އަޅަން ޗައިނާ ކުންފުނިން ފޯރުކޮށްދެނީ އޭގެ ޓެކްނިކަލް މައުލޫމާތުތަކެއް. ނޫނީ އޮނިގަނޑެއް. މި ކިރިޔާ ވެސް އޭގެ ތެރެއަށް ފެއްތޭނީ. އެކަމަކު އޭގެ އަގު، ކިހާ ދުވަހަކަށް ކަން، ހަވާލުކުރީ ކޮން ބަޔަކާކަން، އެއްބަސްވުމާ ހިލާފު ވެއްޖެނަމަ ވާނެ ގޮތް، މި ކަންކަމަކީ ވިޔަފާރި ސިއްރެއް ނޫން،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެކުޅު ވެސް ބޭނުންކުރުމަށް މަސައްކަތްކޮށްފައި އޮންނަނީ ކަންކަން ސިއްރުކުރުމަށެވެ.
"ހާމަކުރުން ބޮޑުވެއްޖެއްޔާ، ހާމަކުރާ ވަރަކަށް ރައްޔިތުންނަށް ފެންނަން ނުޖެހޭ އެއްޗެހިތަކެއް ފެނިދާނެއޭ އެ ބިރުވެރިކަން މި އޮންނަނީ."
އެއްބަސްވެ ދެބަސްވަމާ: މައުލޫމާތަކީ ހައްގެއް ގޮތުގައި ނުދެކޭ؛ ދެކެނީ 'ޖެއްސުމެއް' ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ