ވަރަށް މޮޅު! ރައްޔިތުން ހަމަ އަތްޖަހަން ވީތޯ؟

ކައިރި ނުވެވޭ ވަރަށް ދުރުވުމަކީ ކޮބާތޯއެވެ؟ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ, މީޑިއާ ކުރިމަތީ ދިވެހި ރައްޔިތުންނަށް ވިސްނަވައި ދެއްވަން މަސައްކަތް އެ ކުރެއްވީ އެ ކަމެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި މާ ބޮޑު ކަމެއް ނުހިނގާކަމާއި، ދުރުވީ ދެން ކައިރި ނުވެވޭ ވަރަށް ނޫން ކަމަށެވެ. މިއީ ކޮންފަދަ ބޮޑު ޖޯކެއް ތޯއެވެ؟ މީހުން ބުނެއެވެ. ގިނަ ދިވެހީންނަކީ ހަނދާން ބަލިބައެކެވެ. ނަމަވެސް، ނަޝީދާއި ޞާލިޙާ ދެމެދު ހިނގި ކަންކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ކޯފާވެ, ޒަމާންވީ ގުޅުން ހީނަރުވެ, އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ކިޔުއްވީ ހަމައެކަނި ފާޑެއް ނޫނެވެ. ރަނގަޅަށް ވެސް ޒާތީވިއެވެ. ހަޑިހުތުރު ތުހުމަތުކޮށް ވެސް އެތައް އެއްޗެއް ކިޔުއްވިއެވެ. ޚާއްސަކޮށް ނަޝީދު, ޞާލިޙާ ދިމާއަށެވެ. މުއްފުރާ ބޭސްކާ ބޭފުޅެކޭ ވިދާޅުވިއެވެ. ނަޝީދު ނުކުންނަވާ އޭރު ރައީސްކަމުގައި ހުންނެވި ޞާލިޙަށް ލަދުހުތުރު، ބަދުއަޚުލާގީ ކަންކަމުގެ ތުހުމަތުކުރެއްވިއެވެ. ފޮޓޯ ހުންނާނޭ ވެސް ވިދާޅުވިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. މުޅި އެމްޑީޕީ "ރޫޅާލަން" މަސައްކަތް ފަށައި، އެ ޕާޓީ ތެރެއިން ވަކި ޕާޓީއެއް އުފެއްދެވިއެވެ. ސިޔާސީ ބޮޑު ހައިޖާނަކަށް ގައުމު ވައްޓާލިއެވެ. އެ ފޯރީގައި އާއްމު ރައްޔިތުން އެކަކު އަނެކަކާ ޖެހުނެވެ. އެއް އާއިލާ ތެރެއިން ދެ ފިކުރެއް އުފެދުނެވެ. މައިންބަފައިންނާ ދަރިން ޒުވާބުކުރިއެވެ. ކުރިން އޮތް ގާތްގުޅުން އެތައް ބައެއްގެ ގުޅުން ކެނޑުނެވެ. މިހެން ގޮސް އިޖުތިމާއީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބިއްޖެއެވެ. އެކަމަކު، އެ ހުރިހާ ކަމަކީ ނުވާ ކަމެއް ކަމަށް ހަދަން އެ ދެ ރައީސުން އެ އެދެނީއެވެ. އެއީ ވާނެ ކަމެއް ހެއްޔެވެ؟ https://www.sun.mv/215777 ނަޝީދު, ޞާލިޙުގެ ވެރިކަމަށް ޚިޔާނާތުގެ އެތައް ތުހުމަތެއް ކުރެއްވެވިއެވެ. ހަގީގަތަކީ އެ ތުހުމަތުތަކުގެ ތެރޭގައި, ބާރު ލިބޭ ހެކިތަކެއް ފެންނަން ހުރި ކަންކަން ވެސް ގިނައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އޭރުގެ ބައެއް މަޖިލިސް މެންބަރުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ތެރެއިން ޞާލިޙުގެ ވެރިކަމުގައި ހޯދައިދެއްވި ނާޖާއިޒު ފައިދާތައް ހިމެނެއެވެ. ފެނަކައަކީ އޭގެ އެންމެ ރަނގަޅު މިސާލެވެ. މީގެ އިތުރުން ވެސް މަޖިލީހާއި ވެރިކަމުގެ ފުރިހަމަ ބާރު އޮވެ, ކަންކަން އިސްލާހު ނުކުރެއްވިކަމުގެ އެތައް ތުހުމަތެކެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްވުމާއި އިހުމާލުވިކަމުގެ އެތައް ތުހުމަތެކެވެ. އެމްޑީޕީގެ އިސް ސަފުގައި ވެސް އަދި ޞާލިޙުގެ އަރިހުގައި އަދިވެސް އެ ތިއްބެވީ ހަމަ އެ ތުހުމަތުތައް ރައްދުވާ މީހުންނެވެ. ސުވާލަކީ އެ ދުވަހު ގޯސްވި ކަންކަމާއި ގޯސްވި މީހުން މިއަދު ރަނގަޅުވީތޯއެވެ؟ ނަޝީދާއި ޞާލިޙް ދެން އިއްޔެ އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީނާ އެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާ ވާހަކައެވެ. މީގެ ކުރިން އެ ދެ ރައީސުންނަށް ޔާމީނަކީ "ބޮޑު ވަގެކެވެ.", "އަނިޔާވެރިއެކެވެ.", "ރަހުމެއް ކުލުނެއް ނެތް އިންސާނެކެވެ." ޔާމީންގެ ވެރިކަން 2018 ގައި ބަދަލު ކުރެއްވިއިރު އެ ދެ ރައީސުން ކުރެއްވި ތުހުމަތުތައް ހާހުން, ދެހާހުން ވެސް ނުގުނޭނެއެވެ. ނަމަވެސް، އެފަދަ ބޭފުޅަކު ހަމަ ކުއްލިއަކަށް މި ދެ ރައީސުންނަށް ކަމު ދިޔައީއެވެ؟ ކުރެއްވިހާ ތުހުމަތުތައް ހަމަ ހުދު ކާފޫރަށްވެ ނިމުނީއެވެ؟ މިވެސް ހަމަ ގޮތެއް ތޯއެވެ؟ ރައްޔިތުން ހަމަ ގަބޫލުކުރަންވީތޯއެވެ؟ މިއީ ރާއްޖޭގެ ސިޔާސީ މައިދާނުން އަލަށް ފެންނަ ކަމެއް ނޫނެވެ. ސިޔާސީ މީހުންގެ ދެކޮޅު ނުޖެހޭ މި އަމަލު އެތައް ފަހަރަކު ވަނީ ފެނިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ރަސްކަމެއް ފަދަ, ދިގު 30 އަހަރުގެ ވެރިކަން ވެސް ބަދަލު ކުރެއްވީ އެތައް ފިކުރެއްގެ ސިޔާސީ ބޭފުޅުން އެއްގަލަށް އަރުއްވައިގެންނެވެ. ނަމަވެސް، އެކުގައި ފެށި ދަތުރަށް މަސް ދުވަސްނުވެ, ރެނދުލައި ތަޅައިފޮޅައިގަތީއެވެ. ޔުނީފޯމް އެޅި ސިފައިންނާއި ފުލުހުންގެ ފަރާތުން ފެންނަން ނުވާނެ އެތައް އަމަލެއް ފެނި، ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވިއިރު ވެސް ސިޔާސީ އެހެން ފިކުރުތައް ތިބީ އެކުގައި ގުޅިލާމެހިފައެވެ. އެ ވެރިކަން މަގުމަތިން ބަދަލު ކުރުމުގެ އިތުރުން ދެން ޖެހިގެން 2013 ގައި އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދު ވެރިކަމަށް އަޔަ ނުދިނުމަށް ވެސް އެހެން ފިކުރުތައް އެއްވިއެވެ. ކޯޓާއި ކޯޓުގެ ބޭރުން ވެސް އެތައް ކަމެއް ކުރެއްވެވިއެވެ. ނަތީޖާއަކީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއެކު, ރައީސް އަބްދުالله ޔާމީން ވެރިކަމަށް ވަޑައިގަތުމެވެ. ނަމަވެސް، އެ ފިކުރުތަކަށް އަނެއްކާ ވެސް އެކުގައި ތިބެވުނީ މަދު މަސްތަކަކަށެވެ. އެތެރެއިން ހަމަނުޖެހުންތައް އުފެދި ކޯލިޝަން ރޫޅާލިއެވެ. ދެން އަނެއްކާ ތަފާތު ފިކުރުތައް އެއްވީ ޔާމީން ވެރިކަމުން ބާލާށެވެ. މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އިގުތިސާދީ ގޮތުންނާއި ތަރައްގީގެ ގޮތުން އެންމެ ބޮޑެތި ބަދަލުތަކެއް ގެނުވި, އަދި ގަދަފަދަ ވެރިކަމެއް ކުރެއްވި ޔާމީން, ރިޔާސީ އިންތިޚާބުން ބަލި ކުރެއްވީ ބޮޑު ކޯލިޝަނަކާ އެކުއެވެ. އެ ކޯލިޝަނުގައި އިސްކޮށް ޔާމީންގެ ބޭބޭފުޅު, އަދި ޒަމާނުންސުރެ އެމްޑީޕީއިން އެންމެ އަދާވާތްތެރިވި މައުމޫން ހުންނެވިއެވެ. އެމްޑީޕީގެ ޖަގަހައިގައި "ތިޔައީ ޒައީމޭ" ލަވަ ޖެއްސެވިއެވެ. އެންމެ ފަހުން ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ އެ ކޯލިޝަންގެ ތެރެއިންނެވެ. ޞާލިހަކީ, އެތައް ގުރުބާނީއެއް ވެގެން ކޯލިޝަން ދެމެހެއްޓެވި ލީޑަރެކެވެ. އޭގެ ތެރޭގައި ކުރަން ނުވާނެ އެތައް ކަމެއް ކުރެއްވެވިއެވެ. ވަކި ބޭފުޅެއްގެ އަނބިން ނުވަތަ ދަރިން ވީތީ ބޮޑެތި މަގާމު ދެއްވިއެވެ. ކޯލިޝަނަށް ޓަކައެވެ. ނަމަވެސް، ދެވަނަ ރިޔާސީ ދައުރަކަށް ޞާލިޙް ނުކުންނެވިއިރު ސިއްރާއި ފާޅުގައި ކޯލިޝަންގެ ގިނަ ބޭފުޅުން ތިއްބެވީ ދެކޮޅަށެވެ. ޚާއްސަކޮށް ނަޝީދެވެ. އެ މަނިކުފާނު ބޭނުންފުޅުވީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުނަ ނުދިނުމަށެވެ. އެކަން ކާމިޔާބު ވެސް ކުރެއްވެވިއެވެ. މިއީ ސިޔާސީންގެ ހަގީގަތެވެ. އަމަލު ކުރައްވާފައިވާ ގޮތެވެ. މިކަމުން އެނގެނީ އެންމެ ކަމެކެވެ. ސިޔާސީ ގިނަ ބޭފުޅުންނަކީ ވަކި އުސޫލެއް ހަމައެއް ގަބޫލުކުރުމުގެ ބަދަލުގައި އެ ބޭފުޅެއްގެ ސިޔާސީ ކުރިމަގަށް އެކަނި ވިސްނަވާ ބައެއް ކަމެވެ. ޞާލިހާއި ނަޝީދު މިއަދު އެކުގައި ފެންނަން އެ މަޖުބޫރުވީ ދެ ބޭފުޅުން ވަކިން ދެ ޕާޓީން ކުރަން އުޅުއްވި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. އިންތިޚާބުތަކުން ލިބޭ ދަށް ނަތީޖާގެ ސަބަބުންނެވެ. މިއަދު ސުލްހަވިކަން އެ ދައްކާ ދެއްކުމުގެ ފަހަތުގައި އޮތީ އެ ބޭފުޅުންގެ ސިޔާސީ މުސްތަގުބަލަށް އޮތް މަޖުބޫރީކަން އެއީ ޔަގީން ކަމެކެވެ. https://www.sun.mv/207684 ޔާމީނާ ގުޅެން, އެ ދެ ރައީސުން އެ ނިންމެވީ އެއްގޮތަކަށް ވެސް ގައުމަށް ހެޔޮ އެދުމެއް އޮތުމުގެ ބަދަލުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބަލިކުރަން ފަސޭހަފުޅު ވާނެ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް ގަބޫލުކުރެވެއެވެ. އަނެއްކާ މި ވެރިކަން ބަދަލުކުރަން އެންމެން ގުޅެންވީއެވެ. ބަދަލުކޮށްފައި ދެން ވެރިކަމަށް އެހެން ބޭފުޅަކު ގެންނަންވީއެވެ. ގެނެސްފައި ދުވަސްކޮޅެއް ނުވެ، އަނެއްކާ އެ ބޭފުޅަކު ދުރުކުރަން ދެން ތިބި ބަޔަކު ގުޅެންވީއެވެ. މިއީ ހަމަ ރިޕީޓްވާ ސައިކަލްއެކެވެ. ރާއްޖޭގައި ޒަމާނުންސުރެ އޮންނަ ގަބޫލު ކުރުމެކެވެ. ސިޔާސީ މީހަކު ވިއްޔާ ކޮންމެ ކަމެއް ވެސް ކުރަންވީއެވެ. ކޮންމެ ދޮގެއް ވެސް ހަދަންވީއެވެ. "އެ ދެން ސިޔާސީ ކަންކަން ހުންނަ ގޮތް" ކަމަށް ބުނެ، އެ ކަމެއް ހަމަޖައްސާލާނެއެވެ. ނަމަވެސް، މީގެ ގެއްލުން އެނގޭތޯއެވެ؟ ހަގީގަތަކީ ސިޔާސީ މީހުންގެ މަތިން ގިނަ ދިވެހީން މިއަދު ވަރަށް ފޫހިވެއްޖެއެވެ. އެއީ ދީނޭ, ގައުމޭ, ކިޔައިގެން އަމިއްލަ ފައިދާއަށް އުޅޭ ބައެއް ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހަމަ ޔަގީނުން ވެސް ގަބޫލުކުރެއެވެ. ގިނަ ފަހަރަށް ކަން އޮތީ ވެސް އެހެންނެވެ. މީގެ ނަތީޖާއަކީ ސިޔާސަތުތަކާއި ސިޔާސީ މީހުންނާ މެދު އޮންނަ އިތުބާރު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމެވެ. ސިޔާސީ ވިޔަސް, އަދި އެހެން ކަމެއްގައި ވިޔަސް މީހެއް ވިއްޔާ ގޮތެއް ހުންނަން ވާނެއެވެ. ދައްކަން ވާނީ ދައްކާ ޒާތު ވާހަކައެވެ. ކުރަން ވާނީ ކުރާ ޒާތު ކަންކަމެވެ. ނޫނީ އަގުވެއްޓުން ނޫން އިތުރު ކަމެއް ނުވާނެއެވެ. ކުރީގެ ރައީސުން ހިމެނޭ ގޮތަށް ސިޔާސީ މީހުން މި ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ނަޝީދާއި ޞާލިޙް ކިތަންމެ ކަމެއް ނުވާކަން ދައްކަވަން އުޅުއްވި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ތުހުމަތުތަކަށް ޖަވާބު ބޭނުންވެއެވެ. އެއީ، ދެން އެހެންވީ ކަމެއް ނޫނޭ ބުނެ ނިންމާލެވޭ ވަރަށް ވުރެން ކުރެއްވި ކަންކަން ބޮޑެވެ. ސުވާލަކީ މިހެން ދެން މި ބޭފުޅުން ވިދާޅުވީމާ ރައްޔިތުން އެކަން ގަބޫލު ކުރަންވީތޯއެވެ؟ ހަމަ އަތް ޖަހަންވީތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ