އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ހިސާރުކުރާނަމަ، ރަތް ކަނޑު ބަންދުކުރާނެކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާގެ ކަނޑުގެ ސިފައިން ހުރްމުޒް ކަނޑުއޮޅި ހިސާރުކޮށްފައި ބާއްވާނަމަ، ގަލްފާއި އޮމާން ކަނޑުގެ އިތުރުން ރަތް ކަނޑު މެދުވެރިކޮށް ކުރާ ވިޔަފާރި ދަތުރުތައް ހުއްޓުވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން އިންޒާރު ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, އެމެރިކާއިން ހިސާރުކުރުން ކުރިއަށް ގެންދާނަމަ އީރާނުގެ ވިޔަފާރި އުޅަނދުތަކަށާއި ތެޔޮ ޓޭންކަރުތަކަށް އަމާންކަމެއް ނެތް ކަމަށް އީރާނުގެ އަސްކަރީ މަރުކަޒީ ކޮމާންޑް ސެންޓަރުގެ ވެރިޔާ ވިދާޅުވެފައިވާ ކަމަށެވެ. "ޖުމްހޫރިއްޔާގެ ބާރުގަދަ ހަތިޔާރު އެޅި ސިފައިން ގަލްފާއި، އޮމާން ކަނޑާއި، ރަތް ކަނޑުގައި އެއްވެސް އެކްސްޕޯޓެއް ނުވަތަ އިމްޕޯޓެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދޭނެ," އަލީ އަބްދުالله ވިދާޅުވިއެވެ. ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުުމުން އެެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަންނަނީ މިިދިޔަ ހޯމަ ދުވަހުން ފެށިގެން ހުރުމުޒް ކަނޑުއޮޅިން އީރާނަށް ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ. އެ ކޮމާންޑުން ބުނެފައިވަނީ ގަލްފާއި ގަލްފް އޮފް އޮމާންގެ އީރާނުގެ ބަނދަރުތަކަށް ވަންނަ ނުވަތަ ނުކުންނަ "ހުރިހާ ގައުމެއްގެ އުޅަނދުތަކަށް އެއްވެސް ފަރާތަކަށް ނުބަލާ" ހިސާރު ކުރަމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިސާރުކޮށްފައިވަނީ ގްވާޑާ ބޭއާއި ރަސް އަލް ހައްދުއާއި ދެމެދު އޮންނަ ލައިނެކެވެ. ބޯޓުތަކުގެ ޓްރެފިކް މައުލޫމާތުތަކަށް ބަލާއިރު، ކަނޑުއޮޅި ހިސާރުކޮށްފައި އޮތް ނަމަވެސް، ކަނޑުއޮޅިން ބޯޓުތައް ދަތުކުރެއެވެ. ޖީއެމްޓީ ގަޑިން 0900 އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 15 ބޯޓު ކަނޑުއޮޅިން ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 10 ބޯޓު ވަނީ ކަނޑުއޮޅިން ނުކުމެފައެވެ. އަންގާރަ ދުވަހު މެރިން ޓްރެފިކް ޑާޓާއިން ދެއްކި ގޮތުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އުޅަނދުތައް ވެސް ވަނީ ކަނޑުއޮޅި ހުރަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ