ވުލްވްސް އިން ވިލާ ބަަލިކޮށް ދަށް ރެކޯޑަކުން ސަލާމަތްވެއްޖެ ވުލްވްސް އިން ވިލާ ބަަލިކޮށް ދަށް ރެކޯޑަކުން ސަލާމަތްވެއްޖެ

ބާމިންހަމް (ފެބްރުއަރީ 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި 2-0 އިން އެސްޓަން ވިލާ ބަލިކޮށް ވުލްވްސް އިން ޕްރިމިއާ ލީގުގެ ދަށް ރެކޯޑަކުން ސަލާމަތްވެއްޖެ އެވެ.
މި ފަހަރުގެ ލީގުގައި ދެ ވަނަ މެޗުން މޮޅުވި ވުލްވްސް އިން ރޭގެ ކާމިޔާބާ އެކު ވަނީ 13 ޕޮއިންޓް ހަަމަކޮށްފަ އެވެ. ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ވުލްވްސް އަށް މި ނަތީޖާއާ އެކު، ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މަދު ޕޮއިންޓާ އެކު ލީގު ނިންމާލި ޑާބީ ކައުންޓީގެ ރެކޯޑަށް ވުރެން ޕޮއިންޓް އިތުރުވީ އެވެ. ޕްރިމިއާ ލީގުގެ ސީޒަނެއް އެންމެ މަދު ޕޮއިންޓާ އެކު ނިންމާލުމުގެ ދަށް ރެކޯޑް އޮތީ ޑާބީއާ ގުޅިފަ އެވެ. އެއީ، 2007/2008 ވަނަ އަހަރުގެ ސީޒަނުގައި ޑާބީ ނިންމާލީ 11 ޕޮއިންޓާ އެކު އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ވިލާ އަތުން ވުލްވްސް މޮޅުވިއިރު، ލަނޑުތައް ޖެހީ، ދެ ވަަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 61 ވަނަ މިނިޓްގައި ވުލްވްސް އިން ލީޑުނެގީ ބްރެޒިލްގެ މިޑްފީލްޑަރު، ޖޮއާއޯ ގޯމޭސް ޖެހި ގޯލުންނެވެ. މިއީ އެޑަމް އާމްސްޓްރޯންގް ދިން ބޯޅައަކުން ގޯމޭސް ޖެހި ލަނޑެކެވެ.
އިތުރު ވަގުތުގެ އަށް ވަަނަ މިނިޓްގައި ވުލްވްސްގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިނީ ރޮޑްރީގޯ ގޯމޭސް އެވެ.
މި ނަތީޖާއާ އެކު، ލީގުގެ ތިން ވަނަ މަގާމު ދަމަހައްޓަން، ވިލާ އަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ތިން ވަނައިގައި އޮތް ވިލާ އަށް 28 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 27 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 45 ޕޮއިންޓް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ