އެޕްސްޓީންގެ ކޮމިޓީއަށް ކްލިންޓަން: 'އެއްވެސް ގޯސް ކަމެއް ނުފެނޭ'

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، މަރުވެފައިވާ މަހުޖަނު ޖެފްރީ އެޕްސްޓީންއާ އެކު ބޭއްވި ގުޅުންތަކާ ގުޅޭ ގޮތުން ހައުސް އޯވަސައިޓް ކޮމިޓީއަށް ސިއްރު ބަޔާނެއް ދެއްވައިފި އެވެ. އިއްޔެ ދެއްވި މި ބަޔާނުގައި ކްލިންޓަން ވިދާޅުވީ، އެޕްސްޓީންއާ އެކު ކުރެވުނު މުއާމަލާތްތަކުގެ ތެރޭގައި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިއީ އެމެރިކާގެ މިހާރުގެ ނުވަތަ ކުރީގެ ރައީސަކު ކޮންގްރެސްގެ ކުރިމައްޗަށް ހާޒިރުވެ ބަޔާން ދެއްވަން މަޖުބޫރުވި ފުރަތަމަ ފަހަރެވެ. ދެހާހުގެ ކުރީކޮޅު އެޕްސްޓީންގެ އަމިއްލަ މަތިންދާބޯޓުގައި އެތައް ފަހަރަކު ދަތުރުކުރެއްވި ކަމަށް ކްލިންޓަން އިއުތިރާފުވެވަޑައިގަތެވެ.
ނަމަވެސް، ކުޑަކުދިން ޖިންސީ ވިޔަފާރީގައި ބޭނުންކުރުމުގެ ތުހުމަތު އެޕްސްޓީންގެ މައްޗަށް އޮތްކަން އެނގިވަޑައިގަތް ނަމަ އެފަދަ ދަތުރެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެންނަށް ފެނުނު ކަމެއް ނެތް އަދި އަހަރެން ކުރި ގޯސް ކަމެއް ވެސް ނެތް،" ކްލިންޓަން ވިދާޅުވި އެވެ.
މި މައްސަލަ މިހާ ހިސާބަށް އައީ އެޕްސްޓީން އޭނާގެ އަމަލުތައް ދިގު މުއްދަތަކަށް އެންމެންނަށް ވަރަށް ބޮޑަށް ސިއްރުކޮށްފައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު ޖޭމްސް ކޯމާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ދިޔައީ ވަރަށް އޮމާންކޮށެވެ. އަދި ކްލިންޓަންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެޕްސްޓީން އާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ގުޅުންތައް ނުބަލައި މި ތަހުގީގުގެ އިތުބާރު ނޯންނާނެ ކަމަށް ޑިމޮކްރެޓުން ބުނަމުންދިޔަ ނަމަވެސް، ޓްރަމްޕް ހާޒިރުކުރުމަށް ޑިމޮކްރެޓުން ކުރި އަމުރަށް ކޯމާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
"މިއަދު ރައީސް ކްލިންޓަން ހުވާގެ މަތީގައި މިތަނަށް ހާޒިރުވުމުން އެނގެނީ، މުގައްރިރު ކޯމާގެ ތަހުގީގުގައި ޑޮނަލްޑް ޓްރަމްޕާ ގުޅޭ ބޮޑު ބައެއް އުނިވެފައިވާކަން،" ޑިމޮކްރެޓިކް މެންބަރު ޖޭމްސް ވޯކިންޝޯ ވިދާޅުވި އެވެ.
މީގެ އިތުރުން، ކްލިންޓަންގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ކޮމިޓީއަށް ހާޒިރުކުރަން ނުޖެހޭނެ ކަމަށް ބިލް ކްލިންޓަން ވިދާޅުވި އެވެ. ހިލަރީ ކުރިން ދެއްވި ބަޔާނުގައި ވިދާޅުވީ، އެޕްސްޓީންއާ ބައްދަލުވި ހަނދާނެއް ނެތް ކަމަށާއި އޭނާގެ ކުށްތަކުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ކޯމާ ވިދާޅުވި ގޮތުގައި، ހިލަރީ ދެއްވި ބައެއް ޖަވާބުތަކުގައި ދޮގު މައުލޫމާތު ހިމެނޭތޯ ބަލައި މުރާޖައާ ކުރާނެ އެވެ.
ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގެ ގިނަ ބަޔަކާ ގާތް ގުޅުމެއް ބޭއްވި އެޕްސްޓީން މަރުވީ 2019 ވަނަ އަހަރު ޖަލުގަ އެވެ. އޭނާ މަރުވީ ޖިންސީ ވިޔަފާރީގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވަނީ އެއީ އަމިއްލަ މަރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ