މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލި މައްސަލައިގައި ސަރުކާރުގެ ބަހެއް ނެތް މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލި މައްސަލައިގައި ސަރުކާރުގެ ބަހެއް ނެތް

މޮރިޝަސް އިން ދިވެހިރާއްޖެއާއެކު ބޭއްވި ހާރިޖީ އަދި ސިޔާސީ ގުޅުން ކަނޑައިލި މައްސަލައިގައި ސަރުކާރުން އެއްޗެއް ނުބުންޏެވެ.
މޮރިޝަސް އިން ދިވެހިރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ޗާގޯސްގެ ސިޔާދަތީ ލިބެނީ އެ ގައުމަށް ކަމަށް ކަނޑައަޅައި ބައިނަލްއަގްވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބޯނުލަނބާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ.
އޭގެ އިތުރުން، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ ދެކޮޅު ހަދައި، އެ ނިންމުން ތަންފީޒުވިޔަ ނުދޭން ރާއްޖެއިން އެކި ގޮތް ގޮތުން މަސައްކަތް ކުރުމަކީ ވެސް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ޖެހުނު ސަބަބެއް ކަމަށް މޮރިޝަސް އިން ބުނެ އެވެ.
މޮރިޝަސްގެ ނިންމުން ދިވެހި ސަރުކާރަށް އަންގައި، އެ ނިންމުން އާންމުކޮށް އިއުލާނު ކުރިއިރު ވެސް ދިވެހި ސަރުކާރުން އެކަމާމެދު އެއްޗެއް ނުބުނެ އެވެ. ރައީސް އޮފީސް އަދި ރައީސްގެ ތަރުޖަމާނު ވެސް އެކަމަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި މައްސަލައިގައި ކޮމެންޓެއް ހޯދަން ރައީސްގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ގުޅި ނަމަވެސް ހަބަރު ޝާއިއު ކުރުމާ ހަމައެއް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ދިވެހިރާއްޖެއާއެކު އޮތް ގުޅުން މޮރިޝަސް އިން މި ކަނޑައިލީ، ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 45 އަހަރާއި ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ރާއްޖެއިން މޮރިޝަސްއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެނުއަރީ 15، 1981، ގަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ކަނޑައެޅީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިންނެވެ. އޭގެ ފަހުން މޮރިޝަސް އިން ވަނީ ޗާގޯސް އާއި ރާއްޖެއާ ދެމެދު ބޯޑަރު ކަނޑަައަޅަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ގޮސްފަ އެވެ.
ކޮންމެ ގައުމަކަށް ވެސް އެ ގައުމުގެ ފަސްގަނޑުން ފެށިގެން 200 ނޯޓިކަލް މޭލު ލިބޭއިރު، ރާއްޖޭގެ ދެކުނުން މި ސަރަހައްދު ޗާގޯސްއަށް ލިބޭ ބަޔާ ފުށުއަރަ އެވެ. އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދުގެ ބޮޑު ބައި ރާއްޖެއަށް ދިނުމަށެވެ.
ފެބްރުއަރީ 5، ގައި ރައީސް މުއިއްޒުގެ އޯޑަރަށް ދިވެހި ސިފައިން ވަނީ އިޓްލޮސް އިން މޮރިޝަސް އަށް ދިން ކަނޑުގެ ސަރަހައްދަށް ވެރިވެގަނެ، އެ ސަރަހައްދުގެ ކޮންޓްރޯލް ނަގައިފަ އެވެ. ދިވެހި ސަރުކާރުން ބުނަނީ އެ ސަރަހައްދު މިހާރު ވެސް އޮތީ ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަަމަށެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.
މޮރިޝަސް އިން ޗާގޯސް އަށް ދައުވާ ކުރަނީ، ފްރާންސުން ސަތާރަސްތޭކައިގެ އަހަރުތަކުގެ ތެރޭގައި ޗާގޯސް ހިފުމަށްފަހު އެތަނުގެ ވަޒަންވެރިން މޮރިޝަސްއަށް ފޮނުވާލާފައިވާތީ އެވެ. ނަމަވެސް، ދިވެހި ސަރުކާރުން ބުނަނީ ރާއްޖޭގެ ވެރިކަން ކުރި ބައެއް ބޭފުޅުންގެ ސިޓީތަކުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ކަން ސާބިތުވާ ކަމަށެވެ.
ދިވެހިންނާއި ދިވެހި ބަހުގެ ބައެއް ނިޝާންތައް ޗާގޯސްގެ ބައެއް އާސާރީ ގަބުރުސްތާނުތަކުން ފެނިފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެކަމަކު، ފަހުގެ ތާރީހެއްގައި ރާއްޖެއިން ޗާގޯސްއަށް ދައުވާކޮށްފައެއް ނުވެ އެވެ. އަދި ޗާގޯސް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައެއް ވެސް ނުވެ އެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދައުވާ ކުރެވެން ފެށުނީ 2023 ވަނަ އަހަރު އިޓްލޮސް އިން ބޯޑަރު ކަނޑައަޅަން އުޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ