ޕާކިސްތާނުގެ އަސްކަރީ ޖެޓެއް އަފްގާނިސްތާނަށް ވެއްޓިއްޖެ، ޕައިލެޓް އަތުލައިފި

ޕާކިސްތާނުގެ ފައިޓާ ޖެޓެއް އަފްގާނިސްތާނުގެ ޖަލާލްއާބާދަށް ވެއްޓުމާ އެކު އެ ބޯޓުގެ ޕައިލެޓް އަސީރެއްގެ ގޮތުގައި ހިފަހައްޓައިފިއެވެ.
އަފްގާނިސްތާނުގެ އަސްކަރިއްޔާއިން ބުނީ، ޕާކިސްތާނުގެ ޖެޓް ޖަލާލްއާބާދާ ކައިރިން އުދުހެނިކޮށް އެ އުޅަނދު ވައްޓާލީ، ޖަލާލްއާބާދުން ދިން ހަމަލާތަކެއްގައި ކަމަށާއި، ބޯޓު ވެއްޓުމާއެކު ޕައިލެޓް އަތުލައިގަތީ ދިރިހުއްޓާ ކަމަށެވެ.
އަފްގާނިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީގެ ރިޕޯޓަރުން އެހެން ބުނެފައި ވީ ނަމަވެސް، ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.
ޕާކިސްތާނުގައި ދާދިފަހުން ހިންގި ބޮނ ގޮއްވުމުގެ ހަމަލާތަކުގެ ފަހަތުގައި ތިބީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ތާރީހޭ އިންސާފު ކަމަށް ބުނެ ޕާކިސްތާނުން ވަނީ ދާދި ފަހުން އެމީހުންގެ ސެލްތަކަކަށް އަމާޒުކޮށް ހަމަލާ ދީފައެވެ. އެ ހަމަލާ ދިނީ އަފްގާނިސްތާނުގެ އިމުގެ ސަރަހައްދުގައި ކަމުން ބަދަލު ހިފާނެ ކަމަށް އަފްގާނިސްތާނު ސަރުކާރުން އޮތީ ބުނެފައެވެ.
އެއާއެކު އިއްޔެ ނޫން އިހަށްދުވަހު އަފްގާން ސިފައިން ވަނީ، ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުން ޕާކިސްތާނަށް ހަމަލާތަކެއް ދީފައެވެ.
ރައްދުގައި ޕާކިސްތާނުން ވެރިރަށް ކާބުލް އަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައި ވާއިރު، އަފްގާނުންގެ ރޫހީ ލީޑަރު ހިބަތުއްﷲ އަހުންދުޒާދާ ދިރިއުޅުއްވާ ރަށާ ކައިރިއަށް ވަނީ ހަމަލާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ